ށ. ފޯކައިދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ ދެމުއައްޒަފުން ހުވަދު އަތޮޅަށް ފޮނުވާލަން ނިންމައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހުވަދު އަތޮޅަށް ފޮނުވާލަން ނިންމާފައިވާ ފޯކައިދޫ ފެނަކަ ބްރާންޗު އެޑްމިނިސްޓްރޭޓިވް އޮފިސަރަކަށް މަސައްކަތް ކުރާ އާދަމް ނަސީރު ބުނީ ވަޒީފާ ބަދަލުކުރާ ކަމުގެ ލިޔުން ހަވާލު ކުރީ މިމަހު 9 ގައި ކަމަށެވެ.
ގދ. ކޮނޑޭ ބްރާންޗަށް ބަދަލުކުރަން އަންގާފައިވާ އާދަމް ބުނީ ވަޒީފާ އެހެން ރަށަކަށް ބަދަލުކުރަން ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށާއި، ސަބަބު އޮޅުން ފިލުވަން އެ ސަރަހައްދުގެ ފެނަކަ ބްރާންޗަށް ގުޅުމުން ހެޑް އޮފީހުގެ ނިންމުމެއް ކަމަށް އަންގާފައިވާ ކަމަށެވެ. އާދަމް ބުނީ ކުރިން އެންގުމަކާ ނުލައި ކުއްލި ގޮތަކަށް ލިޔުން ހަވާލުކުރުމުން ކަންބޮޑުވާ ކަމަށެވެ.
މޫސާރައަށް ލިބެނީ ހަހާސް ރުފިޔާކަން ފާހަގަކޮށް އާދަމް ބުނީ ހުވަޅު އަތޮޅަށް ގޮސް އުޅެންޖެހެނީ ކުއްޔަށް ކަމަށާއި، ކެއުމުގެ ޚަރަދު ބަލަހައްޓަން ޖެހެނީ ވެސް އަމިއްލައަށް ކަމަށެވެ. އަނބިދަރިން ދޫކޮށްފައި ވަޒީފާއަށްދާއިރު އަމިއްލަ ހަރަދުތައް ކޮށްފައި އާއިލާއަށް ފޮނުވާނެ ފައިސާ ނުހުންނާނެ ކަމަށް އާދަމް ބުންޏެވެ. އާދަމް ބުނީ ވަޒީފާ ބަދަލުކުރަން ނިންމި ނިންމުމަކީ ކަނޑާނުލައި އަމިއްލައަށް ކެނޑުމަށް މަޖުބޫރުކުރުން ކަމަށެވެ.
"ހީވަނީ ފިކުރުހެން މައްސަލައަކީ. ނުފޫޒު ފޯރާތީ ވަރަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވަން. އެކަމަކު އެމްޑީޕީގެ ޕްރައިމަރީ ބޭއްވި ދުވަހު ކުޑަކޮށް އެތާނގައި އެކި މަސައްކަތްތައްކޮށް އުޅުނިން. ސަރުކާރަށް ތާއީދު ނުރާތީ ވަޒީފާ އިން އަމިއްލައަށް ކެނޑުމަށް މިމަޖުބޫރު ކުރުވީ،" އާދަމް ބުންޏެވެ.
އާދަމް ބުނީ އަނިޔާކޮށް ޖެއްސުން ކުރި ނަމަވެސް ރައީސް ޔާމިނަށް ވޯޓު ނުދޭނެ ކަމަށާއި، މިފަދަ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން ވެސް ރައީސް ޔާމީނަށް އޮތް ތާއީދު ދުވަހަކަށް ވުރެ ދުވަހެއް ދާނީ ދަށަށް ކަމަށެވެ.
އާދަމްގެ އިތުރަށް ދެން ވަޒީފާ ބަދަލުވިކަން އަންގާފައި ވަނީ އެރަށުގެ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ ހުސެއިން ފަޒީލަށެވެ. އޭނާ ބަދަލުކޮށްފައި ވަނީ ގދ. މަޑަވެލި ބްރާންޗަށެވެ. އެހެން ރަށަކަށް ވަޒީފާ ބަދަލުކުރާތީ އެ ދެ މީހުން ވެސް ވަނީ ވަޒީފާއިން ވަކިވުމަށް ނިންމާފައެވެ.
ފެނަކައިން އެ ދެ މީހުންނަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަޒީފާ ބަދަލުކުރި ތަންތަނަށް ވަޒީފާއަށް ނުކުންނަން ޖެހޭނެ ކަމަށެވެ.
ފެނަކައިގެ އިތުރުން ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުން ވެސް ގެންދަނީ މި ގޮތަށް އަމަލުކުރަމުންނެވެ. އެގޮތުން ޅ. ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތްކުރާ ބައެއް މީހުން ވެސް ދަނީ ގދ. ކޫއްޑޫ ފެކްޓްރީ އަށް ބަދަލުކުރަމުންނެވެ. މިއީ މީގެ ކުރިން ވެސް އިންތިޚާބުތަކާ ދިމާކޮށް އެއިރެއްގައި ބާރުގައި އޮންނަ ސަރުކާރަކުން އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. މި ގޮތަށް ބަދަލުކުރަނީ ސަރުކާރާ ފިކުރު ތަފާތުވާ މީހުންނާ މެދުއެވެ.