ހާލުގައި ޖެހިފައި ވަނިކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުނު ސްރީލަންކާގެ މަސް ބޯޓުގެ ފަޅުވެރިން އެމްއެންޑީއެފްގެ ކޯސްޓުގާޑުން މާލެ ގެނެސްފިއެވެ.
ހަތް މީހުންނާ އެކު ހާލުގައި ޖެހިފައި ވަނިކޮށް ސްރީލަންކާގެ މަސް ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުނީ މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ މަސްވެރިންތަކަކަށެވެ. ގއ. ވިލިނގިއްޔާ 43 މޭލު ބޭރުން ހާލުގައި ޖެހިފައި ވަނިކޮށް ފެނުނު ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްގެން، ގެންގޮސްފައި ވަނީ ގދ. ތިނަދޫއަށެވެ. އެ އަށް ފަހު ކޯސްޓުގާޑުން ވަނީ އެ މީހުން ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު މާލެ ގެނެސްފައެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ލަންކާ ބޯޓު ހާލުގައި ޖެހިފައި ވަނިކޮށް ދިވެހި މަސްވެރިންތަކަށް ފެނިގެން ފެނާއި ކާބޯތަކެތި އެ ދޯންޏަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
"ރާއްޖޭގެ މަސް ދޯންޏަށް އެ މީހުން ފެނުމާއެކު ހާލުގައި ޖެހިފައި ތިބި ބޯޓާ ކައިރިކޮށް، ފެނާއި ކާބޯތަކެތި އެ ބޯޓަށް ވަނީ ފޯރުކޯށްދީފައި. މިއީ ރިވެތި މިސާލެއް،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ލަންކާ ބޯޓު ހާލުގައި ޖެހުނީ އެ ބޯޓުގެ އިންޖީނުގެ ބެޓެރީ ފެއިލްވެގެން ކަމަށެވެ. އެ ބޯޓު ކަނޑުމަތީގައި ހާލުގައި ޖެހުނީ ކޮން ދުވަހަކުން ފެށިގެން ކަމެއް އެމްއެންޑީއެފަކުން ނުބުނެއެވެ.
އާޒިމް ވިދާޅުވީ ހާލުގައި ޖެހުނު މީހުން މާލެ ގެނެސްފައިވާއިރު، އެ މީހުން ދަތުރު ކުރި ބޯޓު މާލެ ގެނެސްފައެއް ނުވެއެވެ. އެ ބޯޓު އޮޔާ ދާތީވެ، ބޯޓުގެ ވެރިފަރާތުން ރާއްޖޭގެ އެޖެންޓަކާ ގުޅިގެން ބޯޓު ރާއްޖޭގެ ރަށަކަށް ބަނދަރު ކުރުމުގެ މަސަައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.