ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 5,000ރ ދިނުމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ހުށަހެޅުއްވުމުން އެބިލް މަޖިލީހުން ބޭރުކުރުމަށް ރައީސް އަބްދުﷲ ޔާމީން އެންގެވި ކަމަށް އޭރު ސަރުކާރު ހިންގާ ޕީޕީއެމް މެމްބަރު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ލަތީފް ވިދާޅުވީ ރައީސް ޔާމީން އިތުރުފުޅު ހެއްދެވުމާއި ކަންކަން އޮޅުވާލުމުގެ ކަންކަން އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. ލަތީފް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އިނާޔަތް 5000ރ. އަށް ބޮޑު ކުރުމަށް އަނާރާ އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު ވެސް މަޖިލީހަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެބިލް އެތައް ދުވަހެއް ވަންދެން މަޖިލީހުގައި ބޭއްވުމަށް ފަހު ބޭރުކޮށްލީ ރައީސް ޔާމީން އެންގެވުމުގެ މަތިން ކަމަށެވެ.
އެގޮތުން 2014 ވަނަ އަހަރު އަނާރާ ހުށަހެޅުއްވި އެބިލް 81 މެމްބަރުންގެ ތާއީދާ އެކު ބަލައިގަންނަން ފާސްކުރި ނަމަވެސް ކޮމެޓީ މަރުހަލާގައި އެބިލް ދެ އަހަރު ވަންދެން ވަނީ ބާއްވާފައެވެ. އަދި ފަހުން ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލް ބޭރުކޮށްލާފައެވެ.
އަންގާރަ ދުވަހު މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އިތުރު ދައުރަކަށް އިންތިހާބުވެއްޖެ ނަމަ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް 5000ރ. އަށް ބޮޑުކޮށް ދެއްވާނެ ކަމަށެވެ.
ރައީސް ޔާމީންގެ އެވާހަކަފުޅާ ގުޅިގެން އަނާރާ ވެސް ވަނީ ސުވާލު އުފައްދަވާފައެވެ. އަނާރާ ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ކަމެއް ކޮށްދޭ ނަމަ އޭރު ވެސް އެ ފުރުސަތު މަޖިލީހުގެ ތެރެއިން އޮތް ކަމަށެވެ. އެކަމަކު މީގެ ހަތަރު އަހަރު ކުރިން ހުށަހެޅި އެ އިސްލާހު ބޭރުކޮށްލުމަށް ފަހު، އެ ވައުދު އަލުން ވެވަޑައިގަތީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް އަނާރާ ވިދާޅުވެއެވެ.