އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަންހެނެއްގެ ހާލު ވަރަށް ސީރިއަސްވެއްޖެއެވެ.
ބުދަ ދުވަހުގެ ހަވީރު 16.00 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ދެ އަންހެނުންނެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސިރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު މައުލޫމާތު ދެއްވިއެވެ. އެ ހޮސްޕިޓަލަށް އެ ދެ މީހުން ގެންދިޔައީ ހަވީރު 16.30 ހާއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ބޮޑަށް އަނިޔާވި އަންހެން މީހާގެ އުމުރަކީ 24 އަހަރެވެ. އަދި އަނެއް އަނެހެންކުއްޖާގެ އުމުރަކީ 17 އަހަރެވެ.
އުމުރުން 24 އަހަރުގެ އަންހެން މީހާއަށް އައިސީޔޫގައި ފަރުވާދެވެމުންދާއިރު، އޭނާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެެވެ. އޭނާއަކީ ސައިކަލް ދުއްވި މީހާއެވެ. އަދި 17 އަހަރުގެ އަަންހެން ކުއްޖާއަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ. ކާރުގައި އިތުރު މީހަކު އިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، ބޮޑަށް އަނިޔާ ލިބުނު އަންހެން މީހާ މާލެ ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.