ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަޒީރުކަމުގައި ހުންނެވި އިރު ފޯނު ބިލްތަކަށް އެރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމް ކޮށްފައި ވަނީ އެމަނިކުފާނު މިނިސްޓަރު ކަމުގައި ހުންނަވައިގެން މިނިސްޓްރީގެ ބަޖެޓުން އަމިއްލަ ފޯނު ބިލް ދައްކާފައިވާ ކަމަށް ސާބިތުވާ ކަމަށް ބުނެއެވެ.
މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރައްވާފައިވާ ހުކުމުގައި ވަނީ އަސްލަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން އަސްލަމްގެ ފޯނު ބިލަށް 312،928 (ތިން ލައްކަ ބާރަ ހާސް ނުވަ ސަތޭކަ އަށާވީސް ރުފިޔާ) ދައްކާފައިވާ ކަން އެނގޭ ކަމަށެވެ.
ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް އެ ހަރަދުކޮށްފައިވާ ކަމަށް ބުނެ ފިނޭސް މިނިސްޓްރީން ހުށައަޅާފައިވާ މައްސަލައިގެ ލިޔުންތަކަށް އެ މައްސަލަ ސާބިތުވާތީ އެ ހުކުމް ކުރި ދުވަހުން ފެށިގެން އެ ފައިސާ ފަސް މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމުގައި އަންގާފައިވެއެވެ. މައްސަލަ ކޯޓަށް ވެއްދުމުގެ ކުރިން ފިނޭންސުން ވަނީ އެ ފައިސާ ދެއްކުމަށް އަސްލަމް އަށް އަންގާފައެވެ. ނަމަވެސް އަސްލަމް އޭރު ވިދާޅުވެފައި ވަނީ އެއީ ދައްކަންޖެހޭ ފައިސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ޝަރީއަތުން ކަނޑައަޅާ ގޮތަކަށް އަމަލުކުރައްވާނެ ކަމަށެވެ.