ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރާއްޖޭގެ ރަށްތަކަށް ފުރަތަމަ ކުރައްވާ ދަތުރުފުޅުގައި އައްޑޫ އާއި ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫ، އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖައްސާފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ. އަދި އެރޭ އައްޑޫ ސިޓީ ހިތަދޫގައި ކެމްޕެއިން ޓީމްތަކާ އެކު އެމްޑީޕީގެ ހަރުގޭގައި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. އަދި ހޮނިހިރު ދުވަހު ފޭދޫގައި ދޮރުން ދޮރަށް ކެމްޕެއިން ފެއްޓެވުމަށް ފަހު އެރަށުގައި އެ ހަރަކާތް ހިންގަންވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ފަހުން ހުޅުދޫ އާއި މީދޫއަށް ވަޑައިގެން އެ ދެ ރަށުގައި ވެސް އެ ދުވަހު ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދިއުމާއި ކެމްޕެއިން ޓީމްތަކާ ބައްދަލު ކުރެއްވުމަށް ވަނީ އިންތިޒާމް ކޮށްފައެވެ.
ފުވައްމަލު ސިޓީއަށް އިބޫ ވަޑައިގަތުމަށް ހަމަޖައްސަވާފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުއެވެ. އަދި އެ ސިޓީގައި ވެސް ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވުމުގެ އިތުރަށް އެރަށުގެ ކެމްޕެއިން ޓީމްތަކާ އިބޫ ބައްދަލުކުރައްވާނެއެވެ. އާދިއްތަ ދުވަހު ފުވަމުއްލަކުން އެނބުރި އަނެއްކާ ވެސް އައްޑޫއަށް ވަޑައިގެން މަރަދޫ އާއި ހިތަދޫގެ ގެތަކަށް އިބޫ ޒިޔާރަތްކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.
ކެންޑިޑޭޓޭއްގެ ގޮތުގައި ކަނޑައެޅި ފަހުން އިބޫ ވަނީ މާލޭ ސިޓީގައި ދޮރުން ދޮރަށް ކެމްޕެއިން ކުރައްވާފައެވެ. އެގޮތުން މާލެ އާއި ވިލިމާލެ އަދި އަންގާރަ ދުވަހު ހުޅުމާލޭގައި ވެސް ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. އައްޑޫ އާއި ފުވައްމުލަކުގެ ދަތުރަށް ފަހު އިތުރު ރަށްތަކަށް އެމަނިކުފާނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޓީމްތައް ދަތުކުރާނެއެވެ.