ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ހަތަރު މަހާ 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ހުށައަޅައިފިއެވެ.
ފާރިސްގެ ދިފާއީ ވަކީލުން ވިދާޅުވީ ފާރިސްގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފަށް ހުށައެޅުއްވީ ބުދަ ދުވަހު ކަމަށެވެ. އަދި ވިދާޅުވީ އިސްތިއުނާފު ކުރުމަށް ހުށައަޅާފައިވާ މައްސަލައިގައި މައިގނަޑު 27 ކަމެއް ހިމަނާފައިވާނެ ކަމަށެވެ. ފާރިސްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ 22:13 ގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީއެވެ.
ފާރިސްގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ޕީޕީއެމް އިން ފާރިސް ވަކިކޮށްފައި ވަނިކޮށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދﷲ ޔާމިނާއި އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ ހުއްދަ ނެތި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކޮށްފައިވާކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މި މައްސަލަ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ސިއްރު ތިން ހެކިވެރިޔަކާއި، ފާރިސް ޕާޓީން ވަކިކުރިކަން ސާބިތު ކުރުމަށް އިލެޝަންސް ކޮމިޝަނުގެ ސިޓީއެއްގެ އިތުރުން ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރި ކަމަށް ބުނާ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑިންގއެއް ޝަރީއަތަށް ހުށަހަޅާފައިވެއެވެ. އަދި ފާރިސް މި ދައުވާއިން ދިފާއުވުމަށް 47 މީހަކު ހެކީގެ ގޮތުގައި ހުށަހެޅިއިރު 27 ކިތާބީ ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް ހެކިބަސް ނެގީ ހަ މީހެއްގެއެވެ.
ގާޒީ ވިދާޅުވީ 13 އޮކްޓޯބަރު 2016 ގައި ފާރިސް ޕީޕީއެމް އިން ވަކިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ސިޓީން އެނގޭއިރު އޭނާ ޕާޓީން ވަކި ކުރި މައްސަލަ ޕީޕީއެމްގެ އިސްތިއުނާފު ކޮމެޓީގައި އިސްތިއުނާފު ކޮށްފައިނުވާކަން އެނގެން އޮންނަ ކަމަށެވެ. އަދި އެހެންމެ ޕާޓީން ވަކި ކުރި މައްސަލަ ފާރިސް ސިވިލް ކޯޓަށް ހުށައެޅުމަށް ފަހު އަނބުރާ ގެންގޮސްފައިވުމުން ޕާޓީން ވަކި ކޮށްފައި ވަނީ ރަނގަޅަށް ކަމަށް އޭނާ ވެސް ގަބޫލުކުރައްވާކަން އެއިން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސް ދިން ދެ މީހުންގެ ހެކިބަހުން ފާރިސް ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދެއްކެވިއިރު، ފަހަތުގައި ޕީޕީއެމްގެ ދިދަ ހުރި ކަމަށާއި އަދި އޭނާއަކީ ޕީޕީއެމް މެމްބަރެއް ކަމަށް ވިދާޅުވިކަން އެނގެން އޮންނަ ކަމަށް ވެސް ޝަރީއަތައް ފާހަގަ ކުރެވުނު ކަންކަން ގޮތުގައި ގާޒީ ވިދާޅުވިއެވެ.
ފާރިސް ބައިވެރިވި އެ ނޫސްވެރިން ބައްދަލުވުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ޕީޕީއެމް ތަމްސީލް ކުރާނީ ފާރިސް ކަމަށް ވިދާޅުވިކަން އެނގެން އޮންނަ ކަމަށެވެ. އަދި ދިފާއުގައި ހެކިބަސްދިން މީހަކު އިބޫ ތަމްސީލް ކުރަނީ އެމްޑީޕީކަން އެނގުނީ އޭނާގެ ފަހަތުގައި އިން އެ ޕާޓީގެ ދިދައިން ކަމަށް ބުނެފައިވާއިރު ފާރިސްގެ ފަހަތުގައި ވެސް ޕީޕީއެމްގެ ދިދަ އިނުމުން ފާރިސްގެ އަމަލަކީ ޝަހްސު އޮޅުވާލުމަށް ކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. ފާރިސްގެ މައްޗަށް ޖަލު ހުކުމް އައިސްފައިމި ވަނީ އަސާސީ މިންގަނޑުން އެކުށަށް ކަނޑައަޅާފައިވާ އަދަބުގެ މިންވަރެވެ. އެހެން ނަމަވެސް އެ އަދަބު ކުޑަވާން ޖެހޭނެ ކަމަށް ފާރިސްގެ ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.