ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުން މިހާތަނަށް އާންމު ކޮށްފައިވާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން އަމަލު ކުރުމަށް ފުލުހުންނަށާއި ހޯމް މިނިސްޓްރީއަށާއި ހައުސިން މިނިސްޓްރީއަށް ބަންޑާރަ ނާއިބު މުހައްމަދު އަނިލް އަންގަވައިފިއެވެ.
ބަންޑާރަ ނާއިބު އެގޮތަށް އަންގަވާފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)، ހުޅުމާލެއަށް ވަޑައިގެން "ދޮރުން ދޮރަށް" ހިންގަވަނިކޮށް، ބަޔަކު އެމަނިކުފާނަށް ހަމަލާދޭން މަސައްކަތް ކޮށްފައިވަނިކޮށެވެ. އަދި އިބޫގެ ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން، އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންގެ ގަޔަށް ކަޅުތެޔޮ ވެސް ޖަހާފައި ވަނިކޮށެވެ.
އެ މައްސަލަ ތަހުގީގުކުރާ ކަމަށް ބުނުން ފިޔަވައި، އެއްވެސް އެއްޗެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އިބޫގެ ކެމްޕެއިން ހަރަކާތަށް ހުރަސް އެޅަން އުޅުނު މީހުންނަކީ ކޮބައިކަން ފޮޓޯ އާއި ވީޑީއޯތަކުން ފެންނަހުރިއިރު، އެކަން ކުރި މީހުން ފުލުހުން ހައްޔަރުކޮށްފައެއް ވެސް ނުވެއެވެ.
ފުލުހުންނަށާއި ހޯމް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން ޕީއެސްއެމަށް ވަކިވަކިން އަނިލް ފޮނުއްވެވި ސިޓީފުޅަށް ފަހު، ބަންޑާރަ ނާއިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކެންޑިޑޭޓުންގެ ގޮތުގައި ޕާޓީތަކުން ކަނޑައަޅާފައިވާ ބޭފުޅުންނާއި އެ ބޭފުޅުންގެ ރަނިންމޭޓަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް ދިނުމަށް އެ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.
ކެންޑިޑޭޓުން ތާއިދު ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކަށް ދައުލަތުގެ ވަސީލަތްތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަނާއި ދައުލަތުގެ އިމާރާތްތަކާއި ބިންތައް ކަމާ ބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފޯރުކޮށްދިނަށް ވެސް އަންގާފައިވާނެ ކަަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޕީއެސްއެމްގެ ވަސީލަތްތައް ބޭނުން ހިފުމަށް ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމަށާއި ޕީއެސްއެމްގެ ޗެނަލްތަކުގެ އެއާ ޓައިމް އެ ފަރާތްތަކަށް ދިނުމުގައި ހަމަހަމަ އުސޫލަކުން އަމަލު ކުރުމަށް ވެސް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ.
"މިހާރުން ފެށިގެން ވެސް ސިޔާސީ ޕާޓީތަކުން ކުރައްވަމުންގެންދަވާ ކެމްޕޭންގެ ހަރަކާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ގާނޫނު އެއްގޮތްވާ ގޮތުގެމަތިން ފޯރުކޮށްދެއްވުމަށް އިތުރަށް ހަރުދަނާ ކުރެއްވުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 133 ވަނަ މާއްދާއާ ހަވާލާ ދެއްވައި ބަންޑާރަ ނާއިބު ވަނީ އަންގަވާފައެވެ،" ބަންޑާރަ ނާއިބުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.