ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، ހުޅުމާލެއަށް ވަޑައިގެން "ދޮރުން ދޮރަށް" ހިންގަވަނިކޮށް، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)އަށް ދޭން އުޅުނު ހަމަލާއާ ގުޅިގެން، އެމަނިކުފާނާ އެންމެ ވާދަވެރި ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.
ދައުލަތުގެ ހަރަދުގައި، އަސްކަރިއްޔާގެ ހިމާޔަތުގައި ހުންނަވައި ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ބުދަ ދުވަހު ކޮޅުފުއްޓަށް ވަޑައިގެންނެވީ، އިބޫއަށް ދޭން އުޅުނު ހަމަލާއަށް 24 ގަޑިއިރުވާން ދަނިކޮށެވެ. ކޮޅުފުށީގައި އެ ރަށުގެ ރައްޔިތުންނާ މުހާތަބުކޮށް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ އެކިއެކި ވާހަކަތައް އެމަނިކުފާނު ވިދާޅުވިއިރު، އިބޫއަށް ދޭން އުޅުނު ހަމަލާ ކުށްވެރި ކޮށްފައެއް ވެސް ނުވެއެވެ.
އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ތަރައްގީއަށް ހުރަސް އަޅާ ކަމަށާއި އަވަށްޓެރި ގައުމުތަކާއި ޖަމާއަތްތަކުން ރާއްޖެއަށް ފިޔަވަޅު އަޅަން އުޅޭ ކަމަށާއި ތަރައްގީއަށް ސަރުކާރުން ހޭދަތަކެއް ކުރަމުންދާ ކަމަށް ބުނެ، އެމަނިކުފާނުގެ ވާހަކަފުޅުގައި އެ ވާހަކަތައް ތަކުރާރު ކުރެއްވިއިރު، އިބޫއަށް ދޭން އުޅުނު ހަމަލާގެ ވާހަކަ އެއްވެސް ގޮތަކަށް ގެންނަވާފައެއް ނުވެއެވެ.
ކޮޅުފުށީގައި ބަނދަރު ހުޅުވި ރަސްމިއްޔާތަށް ފަހު، ބޭއްވި ހަފްލާގައި 37 މިނެޓް ވަންދެން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވިއިރު، އިބޫއަށް ދޭން އުޅުނު ހަމަލާގެ ވާހަކަ އެމަނިކުފާނު ކުށްވެރިކޮށްފައި ނުވުމުން، ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
ރައީސް ޔާމީން އެކަމަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު، ފުލުހުން އެކަން ތަހުގީގު ކުރާ ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް އެއްޗެއް މީޑީއާއަކަށް ހާމަކޮށްފައެއް ނުވެއެވެ. އިބޫއަށް ހަމަލާ ދޭން އުޅުނީ ކޮން ބައެއްކަން ފޮޓޯތަކުން ސާފުކޮށް އެނގެން އޮތްއިރު، އެ މީހުން ހައްޔަރު ނުކުރާ ސަބަބާ ގުޅޭ ގޮތުން ވެސް ފުލުހުން އެއްޗެއް ބުނެފައެއް ނުވެއެވެ.
ހުޅުމާލޭގައި "ދޮރުން ދޮރަށް" ހަރަކާތުގައި އިބޫ އުޅުއްވަނިކޮށް، ދެ މީހަކު ވަނީ އިބޫއަށް ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް އިބޫގެ ހަށިފާރަވެރިންނާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ އެހީތެރިކަމާ އެކު، ހަމަލާ ދޭން އުޅުނު މީހުންގެ ފަރާތުން އިބޫ ވަނީ ރައްކާތެރި ކޮށްފައެވެ. އަދި ފަސްޖެހުމެއް ނެތި، އިބޫ ވަނީ ކާމިޔާބުކަމާ އެކު ހުޅުމާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދަވާފައެވެ.
ކެމްޕެއިން ނިންމާލަން އުޅެނިކޮށް، އިބޫއާއެކު ހުޅުމާލެއަށް ވަޑައިގެންނެވި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންގެ ގަޔަށް ބަޔަކު ވަނީ ކަޅުތެޔޮ ޖަހާފައެވެ.