އިންތިހާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަ ކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލުގެ ދެލިކޮޕީއަށް ބްރޯޑްކާސްޓަރުންނާއި އާންމުންގެ ހިޔާލު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އާއްމުކޮށް ހުޅުވާލައިފިއެވެ.
މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ މި އުސޫލަކީ، އިންތިޚާބުތަކާބެހޭ އާއްމު ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، އިންތިހާބެއްގެ ދުވަސްވަރު، އެ އިންތިހާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓެއް ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ހާއްސަކޮށްގެން އެ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން އިޝްތިހާރާއި ޕްރޮގްރާމް ފޮނުވުމަށް ވަގުތު ދިނުމުގައި ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރުން އަމަލުކުރަންވީ ހަމަތައް ކަނޑައެޅުން ކަމަށެވެ. އަދި އެ ހަމަތަކާ ހިލާފުވާ ކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާމެދު ހުށަހެޅޭ ޝަކުވާތައް ބެލުމާއި އެ ހަމަތަކާ ހިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ އުސޫލެއް ކަމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ބުނެއެވެ.
މި އުސޫލަށް ހިޔާލު ދެއްވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވާ އާދިއްތަ ދުވަހުގެ 02:00 ގެ ކުރިން އެފަދަ ކޮމެންޓްތައް ފޮނުވުމަށް އެދޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މި އުސޫލުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ކެނޑިޑޭޓުންނާއި އެ ކެންޑިޑޭޓެއް ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށްގެން އެ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން އިޝްތިހާރާއި، ޕްރޮގްރާމް ފޮނުވުމަށް ވަގުތު ދިނުން ކަމަށް ބެލެވޭނެ ކަންތައްތައް ވަނީ ހިމަނާފަ އެވެ.
އެގޮތުން ކެންޑިޑޭޓުންގެ ފަރާތުން ނުވަތަ ސިޔާސީ ޕާޓީތަކުން ތައްޔާރުކޮށް އޮން-އެއަރ ކުރާ ޕްރޮގްރާމުތަކާއި ކެންޑިޑޭޓުން ޕްރޮމޯޓް ކުރުމަށް ފޮނުވާ އިޝްތިހާރާއި ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި ރެލީތައް ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތަކުން ބާއްވާ ނިއުސް ކޮންޕަރެންސްތައްވެސް ހިމެނެއެވެ.
މި އުސޫލާ އެއްގޮތަށް ވަގުތު ދިނުމަށް ނުވަތަ ވިއްކުމަށް ލާޒިމުވާނީ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 06:00 އާ ހަމައަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މި އުސޫލުގެ ތެރެއިން ޝަކުވާ ހުށަހެޅުމާއި މައްސަލަ ބެލުމާއި ފިޔަވަޅު އެޅުމުގައި ބަލާނެކަންކަން ވެސް ވަނީ ހިމަނާފައެވެ.