ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން ބުނާ 12 މެމްބަރުންގެ ތެރެއިން 8 މެމްބަރަކާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް ބައްދަލު ކުރައްވައިފިއެވެ.
12 މެމްބަރުންގެ ފަރާތުން 8 މެމްބަރުންނާއިއެކު އިބޫ ބޭއްވި މިބައްދަލުވުން އޮތީ އަންގާރަ ދުވަހުގެ ރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ)، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، އާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު،އާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.

މި 8 ބޭފުޅުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕިއެމްއަށް ކުރިން ނިސްބަތްވި 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވަނީ އޭގެ ތެރެއިން ގިނަ ބޭފުޅުން ޕީޕިއެމްއިން ކެނޑެން ސިޓީ ލާފައިވަނިކޮށް ޤާނޫނަށް ގެނައި ބަދަލަކުން ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް ހޮވުމަށް ފަހު ޕާޓީ ބަދަލު ކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ނިންމައިގެންނެވެ. ޤާނޫނަށް މިބަދަލު ގެނައީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/އެމްޑިއޭ ކޯލިޝަނަށް އޮތް މެޖޯރިޓީ ގެއްލި، މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި އަބްދުﷲ މަސީހު ހުންނެވުމަށް އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއެ ކުރެއްވުމާއި ގުޅިގެންނެވެ.
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ކުރި ހުކުމުގައިވެއެވެ. އެހެންނަމަވެސް އެހުކުމް ތަންފީޒުކުރުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާއިރު، އެމެމްބަރުން މަޖިލީހަށް ވަދެވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން ސިފައިން ވަނީ މަޖިލީހުގެ ދޮރާށިމަތިން އެބޭފުޅުން މަގުމައްޗަށް އުކާލާފައެވެ. 12 މެމްބަރުންނަށް އިންސާފު ހޯދައިދިނުމަކީ ގުޅިފައިވާ ޕާޓީތަކުން ވަމުންދާ އެއް ވައުދެވެ.
އަންގާރަ ދުވަހުގެރޭ އެމްޑީޕީ އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި އިބޫއާއިއެކު ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލްއާއި އަލިފުށި ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބައިވެރިވެވަޑައިގަތެވެ.