މޯލްޑިވްސް އިމިގްރޭޝަނުން ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ އިންޑިއާގެ ރައްޔިތުންނަށް ވިސާއާއި ވޯކްޕާމިޓް ނުދީ ހިފަހައްޓާ ކަމަށް ވާހަކަ ދެކެވެމުންދާ މި ދަނޑިވަޅުގައި އެއްވެސް ހަމައެއް އިންސާފެއް ނެތި ބައެއް ކުންފުނިތަކަށް ވިސާ ދޫކުރާ ކަމުގެ އިތުބާރު ހުރި މައުލޫމާތު ރާއްޖެއެމްވީއަށް ލިބިއްޖެއެވެ.
ރާއްޖެއެމްވީ އަށް މިކަމާބެހޭ ގޮތުން މައުލޫމާތު ދިން ފަރާތުން ބުނެފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންޑިއާގެ ރައްޔިތުންނަށް ވޯކްޕާމިޓް އަދި ބިޒިނަސް ވިސާއަށް އެފަރާތުން އެކި ފަހަރު މަތިން އެދިފައިވީ ނަމަވެސް، ފަސް، ހަ މަސް، ފާއިތު ވެގެން ދިޔައިރުވެސް އެއިން އެއްވެސް އެޕްލިކޭޝަނަކަށް ވޯކްޕާމިޓް އަދި ބިޒިނަސް ވިސާވެސް ދޫކޮށްފައި ނުވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކުގެ ބިޒްނަސް ވިސާ އަށް އެދި ތަކުރާރުކޮށް އެތައް ފަހަރަކު ހުށަހަޅާ މުއްދަތު ހަމަވުމުން އަނެއްކާވެސް ހުށަހަޅަމުން ގެންދަނީ ކަމަށެވެ. ވިސާ އަށް ވާ ނުވާ ނޭނގި ތަކުރާރުކޮށް ކެންސަލްވަމުން ދިއުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިއުމާއެކު ވިސާ ނުދީ ހިފަހައްޓާ ސަބަބު ސާފު ކުރުމަށް އެތައް ސިޓީ އެއް ލުމުންވެސް އެއިން ސިޓީއަކަށްވެސް ޖަވާބު ލިބިފައި ނުވާ ކަމަށްވެސް އެފަރާތުން ހާމަ ކޮށްފައިވެއެވެ.
ވިސާ އަށް އެދި ހުށަހަޅާ ހުށަހެޅުން ތަކަށް އާއްމު ގޮތެއްގައި ފަސްދުވަސް ތެރޭގައި ޖަވާބު ދެއްވާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވި ނަމަވެސް އިމިގްރޭޝަނުން ފޮނުއްވާ މެއިލްގައި އޮންނަނީ ވިސާގެ ކަންތައް އޮތީ ޕެންޑިންގ އެޕްރޫވަލް ގައި ކަމަށެވެ. އެޕްރޫވް ނުވަނީސް މީހާ ގެނެސްގެން ނުވާނެ ކަމަށެވެ. އަނެއް ކޮޅުން އެމްޕްލޯއިމަންޓް ވިސާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ފަސް، ހަމަސް ހަމަވެގެން ދިޔައިރުވެސް "ޕެންޑިން އެޕްރޫވަލް" ނޫން ހާލަތަކަށް ބަދަލު ވެގެން ނުދާ ކަމަށްވެސް އެފަރާތުން ހާމަކޮށްފައި ވެއެވެ.
މިކަމާގުޅިގެން އިމިގްރޭޝަންގެ އޮފިޝަލުންނާ ސުވާލު ކުރުމުން އެންމެ ފުރަތަމަ ވިދާޅުވީ އިމިގްރޭޝަންގެ އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ވިސާ ނުދީ މަޑުޖެހިފާ އޮތީ ކަމަށެވެ. ނަމަވެސް މިހާރު އިމިގްރޭޝަނުން ވިދާޅުވަނީ ސްކްރީނިން ކުރަމުންގެންދާތީ ދުވަސް ނަގަނީ ކަމަށެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ އެތައް ފަހަރަކު ބިޒްނަސް ވިސާއަށް އެދިފައިވާ އިންޑިއާގެ ރައްޔިތަކަށް އެހެން ފަރާތަކުން ވޯކްޕާމިޓަށް އެދި ހުށަހެޅުމުން ހުށަހެޅިތާ ތިން ދުވަސް ތެރޭގައި އެޕްރޫވްކޮށް ދީފައިވާ ކަމުގެ އިތުބާރު ހުރި ހެކި ލިބިފައިވާ ކަމަށެވެ. އެފަރާތުން އިތުރަށް ބުނެފައިވަނީ ވޯކްޕާމިޓް ދޫކޮށްފައިވާ އިންޑިއާގެ ރައްޔިތަކީ ކުރިން އެތަކެއް ފަހަރު ބިޒިނަސް ވިސާއަށް އެ ފަރާތުން އެދުމުންވެސް މޯލްޑިވްސް އިމިގްރޭޝަނުން ވިސާ ދީފާ ނުވާ ފަރާތެއް ކަމަށެވެ. އަދި ޖުލައި މަހުގެ ފުރަތަމަ ދުވަހު މި ފަރާތުން ވޯކްޕާމިޓަށް އެދިފައިވާއިރު އެ މަހުގެ ފަސް ވަނަ ދުވަހު އެޕްރޫވް ކޮށްފައިވާ ކަމަށެވެ.
މޯލްޑިވްސް އިމިކްރޭޝަނުން ވަކި ފަރާތަކަށް ވުމުން ސްކްރީން ކުރުމަށް ކަމަށް ބުނެ އެތައް މަހެއް ފާއިތުވާއިރު އަނެއްބައި ފަރާތްތަކަށް ތިން ދުވަސް ތެރޭގައި ހަމަ އެމީހާއަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަކީ ގާނޫނު އަސާސީ އާއި ކަމާ ބެހޭ ގާނޫނުތަކާ ސީދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
"ކޮބާތޯ އިންސާފު، ކޮބާތޯ ސަރުކާރުން ބުނާ ހަމަހަމަކަން، މި ދަންނަވަނީ ސަރުކާރުގެ އޮފީހަކުން އެއް ޚިދުމަތެއް ދެ ފަރާތަކަށް ދިނުމުގައި ތަފާތު ކުރުން އޮތް މިންވަރު، މިކަމުގައި ބޭ އިންސާފު އިންތިހާ އަށް އެބައޮތް، މީގައި އަޑިނޭގޭ ކަންތައްތަކެއް ހުރިކަން ވަރަށް ސާފު." ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ރާއްޖޭގައި މަސައްކަތް ކުރަން އަންނަ އިންޑިއާގެ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް ދޫކުރުމުގައި މައްސަލަތަކެއް ދިމާވަމުންދާތީ އެކަން ހައްލު ކޮށްދިނުމަށް އެދި އިންޑިއާގެ ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވޭތުވެ ދިޔަ ޖޫންމަހުގެ 17 ވަނަ ދުވަހު އިންޑިއާގެ މައި ސަރުކާރުގައި އެދިވަޑައިގެންފައިވާ ޚަބަރާއި ގުޅޭގޮތުން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު ވިދާޅުވެފައި ވަނީ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ވިސާ އަދި ވޯކް ޕާމިޓް ދޫކުރުމުގައި ރާއްޖެ އިން ތަފާތު ކުރަމުން ނުދާ ކަމަށާ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެކަންކަން ހިނގަމުންދާ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައެވެ.
ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ވިސާގެ ކަންކަން ހިނގަމުންދާ ކަމުގެ ޔަގީންކަން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު ދެއްވާފައި ވާއިރު، މިހާރު ވިސާ ދޫކުރުމުގައި އޮތް ހަމައަކީ ނުވަތަ އުސޫލަކީ ކޮބައިކަން ނޭނގޭ ވަރަށް ކަންކަން އޮތީ ގޯސްވެފައިކަން ފާހަގަ ކުރެވެއެވެ. އިންޑިއާގެ އެއް ރައްޔިތަކަށް، ދެ ކުންފުންޏަކުން އެދުމުން ވަކި ކުންފުންޏަކަށް ވުމުން 3 ން ދުވަސް ތެރޭގައި ވޯކްޕާމިޓް ދޫކޮށްފައި އަނެއް ކުންފުންޏަށް ވޯކްޕާމިޓް ދޫނުކޮށް ފަސް މަސް ނުވަތަ ހަ މަސްދުވަސް ނެގުމަކީ ހަމަޖެހިފައިވާ ކޮން އުސޫލެއްގެ ދަށުން ހިނގާ ކަމެއްތޯވެސް ސުވާލު އުފެދެއެވެ. އަދި ބައެއް ފަރާތްތަކަށް ޚާޢްސަ އަވަސް ހިދުމަތް ލިބެމުންދަނީ އެކަމުގެ އަޑީގައި ކޮން ސަބަބެއް އޮވެގެންތޯ ވެސް އެއީ އުފެދިފައިވާ ސުވާލެކެވެ.