ގއ. ވިލިނގިލީގެ އިރު އުތުރުން 43 ނޯޓިކަލް މޭލު ބޭރުން ހާލުގައި ޖެހިފައިވާ ސްރީލަންކާގެ "ސިންދޫރު- 2" ނަމަކަށް ކިޔާ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވެއްޖެއެވެ.
މި ހާދިސާގެ މަޢުލޫމާތު އަންގާރަ ދުވަހުގެ ހެނދުނު 11:30 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓްކޮށްފައިވަނީ އެސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު "ދިރުން" ނަމަކަށް ކިޔާ މަސް ދޯންޏަކުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. "ދިރުން" ދޯނިން ވަނީ ހާލުގައި ޖެހިފައިވާ މަސްބޯޓުގައި ތިބި މީހުންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދީފައެވެ.
އެ ބޯޓުގައި 7 މީހުން ތިބިއިރު އެ އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޯންޗު، އެފްއައިސީ "ހަކުރާ" ވަނީ 17:25 ހާއިރު ހާލުގައި ޖެހިފައިވާ މަސްބޯޓު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބޯޓު ހާލުގައި ޖެހިފައިވަނީ އިންޖީނުގެ ބެޓެރީ ފެއިލްވެގެން ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތުދެއެވެ. އަދި އެ ބޯޓު ގދ. ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ދަނީ ކުރަމުންނެވެ.