ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މި ރިޔާސީ އިންތިޚާބުގައި ދައްކަވަމުން ގެންދަވަނީ ހީކުރެވިފައިވާ ގޮތަށް ހުތުރު ފާރާތް ކަމަށާއި، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް، ހުޅުމާލެއިން ބަޔަކު ދޭން އުޅުނު ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
As expected, regime shows ugly side in prez campaign. As I’ve reiterated to @EUCouncil & @Europarl_EN, regime habours gangs & extremists as a tool. Condemn attack on @ibusolih & ask intl community to keep close watch on #Maldives as serious threats on candidates’ life persist. pic.twitter.com/dcv0bYO1aC
— Mohamed Jameel Ahmed (@MJameelAhmed) July 10, 2018
ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ކައުންސިލާއި އަދި ޔޫރަޕިއަން ޕާލިމަންޓާ އެމަނިކުފާނު ހިއްސާ ކުރައްވާފައިވާ ފަދައިން ރައީސް ޔާމިންގެ ޚުދުމުޚުތާރު ސަރުކާރުން ޓޫލެއްގެ ގޮތުގައި ގޭންގްތަކާއި އަދި ހައްދުފަހަނައަޅައިފާ ފަރާތްތައް ބޭނުންކުރަމުން ގެންދާ ކަމަށާއި އަދި އެ ފަރާތްތަކަށް ރައްކާތެރިކަން ވެސް ދެމުން ގެންދާ ކަމަށެވެ. ޑރ. ޖަމީލު ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައު އިން ރާއްޖޭގެ ކަންކަން ގާތުން ބަލަމުން ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ހަށިކޮޅު ވަނީ ނުރައްކަލަށްވެސް ހުުށަހެޅިފައި ކަމަށެވެ.
މަދު ބަޔަކު ވެގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫގެ ހަށިކޮޅަށް ހަމަލާ ދޭން އުޅެ، އެމަނިކުފާނު ދޮރުން ދޮރަށް ހިންގަވަން ކުރި މަސައްކަތްޕުޅަށް މިއަދު ވަނީ ހުޅުމާލޭގައި ހުރަސްއަޅާފައެވެ.
އިބޫ އަށް ހުޅުމާލޭން ހަމަލަ ދިނުމަށް ދެތިން ޒުވާނަކު ވެގެން މަސައްކަތްކޮށްފައިވާ އިރު، އިބޫ ހުޅުމާލެ އަށް ވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިންނެވެ. ހަމަނުޖެހުން ހިންގުމާ ގުޅިގެން ކުޑަވަގުތުކޮޅަކަށް ދޮރުން ދޮރަށް ހިނގުން މެދުކަނޑާލެއްވުމަށް ފަހު އަނެއްކާ ވެސް ކުރިއަށް ގެންދެވިއެވެ. ހަމަލާ ދޭން އުޅެ ނާކާމިޔާބުވުމުން ބަޔަކު ފަހުން ވަނީ އިބޫއާ އެކު ހަރަކާތްތެރިވި ބައެއް މީހުން ގަޔަށް ކަޅުތެޔޮ ވެސް ޖަހާފައެވެ.
އިބޫ ވަނީ މީގެ ކުރިން މާލެ އާއި ވިލިމާލޭގައި ވެސް ދޮރުން ދޮރަށް ހިންގަވައިފައެވެ.