ހުޅުމާލޭގައި އަންގާރަދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހުގެ ޑޯ ޓު ޑޯ ހަރަކާތް ކުރިއަށް ގެންދިއުމަށް، ބަޔަކު ދެ ފަހަރެއްގެ މަތީން ހުރަސް އަޅައި އެމަނިކުފާނުގެ ގައިކޮޅަށް އަތްލައި ހަމަލާދޭން ކުރި މަސައްކަތާއި، ކަޅުތެލުން ދިން ހަމަލާއަށް ފަސްޖެހިވަޑައިނުގެން ކާމިޔާބު ޑޯ ޓު ޑޯއެއް ކުރިއަށް ގެންދަވައިފިއެވެ.
އެމަނިކުފާނަށް ހަމަލާދޭން ބަޔަކު އެންމެ ފުރަތަމަ މަސައްކަތްކުރީ ފެރީ އިން ފައިބައިވަޑައިގެން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ސެންޓްރަލް ޕާކް ނިމޭ ހިސާބު ކަންމަތިންނެވެ. އެހާހިސާބުން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ސެކިއުރިޓީން އެމަނިކުފާނަށް ހިމާޔަތްދީ ވެހިކަލަކަށް އަރުވައިގެން އެސަރަހައްދުން ގެދިޔައެވެ.
ފުރަތަމަ ހަމަލާ އަށް ފަހު އަނެއްކާ ވެސް އިބޫ ނުކުމެވަޑައިގެން ޑޯ ޓު ޑޯ ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް ކުރިން ވެސް ސައިކަލުގައި އައި ދެ މީހުން އިބޫއަށް ހަމަލާ ދީ ގައިކޮޅަށް އަތްލާން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ދެވަނަ ހަމަލާ އިން ވެސް އިބޫ ސަލާމަތްވެވަޑައިގެން ހުޅުމާލޭ އެމްޑީޕި އޮފީހަށް ވަޑައިގެންނެވިއެވެ.

މި ނާކާމިޔާބު ހަމަލާތަކަށް ފަހު އަނެއްކާ ވެސް ޑޯ ޓު ޑޯ އަށް ނުކުމެވަޑައިގަންނަވަމުން އިބޫ ވިދާޅުވީ، މި ހަމަލާގެ ސަބަބުން ކެމްޕެއިން އިތުރަށް ވަރުގަދަ ވެއްޖެ ކަމަށެވެ. އަދި ރައީސް ޔަމީނަށް އޮތް ތާއީދު ގެއްލި އިދިކޮޅަށް މި އިންތިޚާބު ކާމިޔާބު ވެއްޖެ ކަމަށެވެ.
ދޭން އުޅުނު ނާކާމިޔާބު ދެ ހަމަލާއަށް ފަހު ވެސް އިބޫ އާއި އެމަނިކުފާނުގެ ކޯލިޝަންގެ ބައިވެރިން އަނެއްކާ ވެސް ނުކުމެވަޑައިގަތީ ޑޯ ޓު ޑޯގެ ހަރަކާތަށެެވެ. އެގޮތުން އެކި ގޭގެއަށް ވެދެވަޑައިގެން އެގެތަކުގެ މީހުންގެ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ. އެމަނިކުފަނު ވަޑައިގެންނެވި ގިނަ ގެތަކުން ވަނީ މި ވެރިކަމާ މެދު ހިތްހަމަނުޖެހޭކަން ހާމަކޮށް ދިވެހި ގައުމު މި އަނދަވަޅުން ސަލާމަތްކޮށްދިނުމަށް އިބޫގެ ކިބައިން އެދިފައެވެ.
އިރުއޮއްސުމާ އެކު، ޑޯޓުޑޯ ނިންމާލުމާ ގާތްވެފައި ވަނިކޮށް ހުޅުމާލޭ ކޮރަލްވިލް 7 ވަނަ ޕްލެޓް ސަރަހައްދުން ކޯލިޝަންގެ ސަޕޯޓަރުނާއި ނޫސްވެރިންގެ ގަޔަށް އަނެއްކާވެސް ބަޔަކު ކަޅުތެޔޮ ކޮތަޅުތަކެއް އުކާންފެށިއެވެ. މި ކަޅުތެލުގެ ހަމަލާ ފޮނުވާލިއިރު އިބޫ ހުންނެވީ އެތަނުން އެޕާޓްމެންޓެއްގެ އެތެރޭގައެވެ. އެހެން ނަމަވެސް އެތަނުން ބޭރުގައި ތިބި އެމްޑީޕީ އާއި ކޯލިޝަންގެ އިސްވެރިންގެ ގައިކޮޅަށް ވަރަށް ބޮޑަށް ކަޅުތެލުގެ އަސަރު ވަނީ ކޮށްފައެވެ.

ކަޅުތެލުގެ މި ހަމަލާ ކުށްވެރިކުރައްވަމުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، ކަޅުތެލަކުން ވެސް އަދު ދޭ ހަމަލާއަކުން ވެސް އެބޭފުޅުން ފަހަތަށް ނުޖެއްސޭނޭ ކަމަށެވެ.
"ކަޅުތެލާއި ހަމައަށް މި އައީ ކިތަންމެ ބައިވަރު ކަންކަމެއްގެ ތެރެއިން. ކަޅުތެއު ޖަހައިގެން ފަހަތަށް ނުޖެއްސޭނެ،" ޝިފާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ހަމަލާއަކީ ރައީސް ޔަމީން މި އިންތިޚާބުން ބަލިވާނެތީ ގޮތް ހުސްވެފައިވާކަން ދޭހަވާކަމެއްކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ކަޅުތެޔޮ ޖަހައިގެން މި ކެމްޕެއިން ނުހުއްޓުވޭނެ ކަމަށެވެ. އޭގެ ބަދަލުގައި މި ހަރަކާތުންނާއި އެހަމަލާތަކުން ލިބުނު ތާއީދާއި ލޯބި އިތުރަށް ބޮޑުވެގެން ހިގައްޖެ ކަމަށެވެ.
ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ކަމަށް ބެލެވޭ ބަޔަކު އިސްވެ ތިބެ ދޭން މަސައްކަތްކުރި ހަމަލާތަކުން ރެކިވަޑައިގެން އިބޫ އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމް ވަނީ ޑޯޓުޑޯ ފުރިހަމަކޮށް އެނބުރި މާލެ ވަޑައިގަންނަވާފައެވެ.
