ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 18:50
ސްޓާބަކްސްގެ ބުއިމެއް
ސްޓާބަކްސްގެ ބުއިމެއް
އޭއެފްޕީ
ސްޓާބަކްސް ކޮފީ
ސްޓާބަކްސްގެ އައުޓްލެޓްތަކުގައި ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލަނީ!
ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލާނީ 2020 ވަނަ އަހަރު

ސްޓބަކްސްގެ28,000  އައުޓްލެޓްގައި ޕްރާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓާބަކްސް އިން ބުނީ މި މަޝްރޫއުގެ ދަށުން 2020 ހަމައަށް އެ ކުންފުނީގެ ހުރިހާ އައުޓްލެޓަކުން ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލާނެ ކަމަށެވެ. ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާނެ ކަމަށް އެ ކުންފުނިން އިއުލާންކޮށްފައި ވަނީ އެ ކުންފުނީގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް، އިނގިރޭސިވިލާތުގައި އެތަކެއް މަސްތަކެއް ވަންދެން ކުރި ޓެސްޓްތަކަށް ފަހު ގައެވެ.

އެ ކުންފުނިން ބުނީ ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ބުއިންތަކުގައި "ޕްލާސްޓިކް މަތިގަނޑު" ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ "ޕްލާސްޓިކް މަތިގަނޑު" ގައި ކަސްޓަމަރުންނަށް ބުއިންތައް ބޮވޭނެ ގޮތަށް ކުޑަ ލޯވަޅެއް ކަނޑާފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޕްލާސްޓިކް ހޮޅީގެ ބަދަލުގައި "ޕްލާސްޓިކް މަތިގަނޑު" ބޭނުންކުރުމަށް ނިންމުމުން ގިނަ ބައެއްގެ ފާނޑުކިޔުން ވަނީ ސްޓާބަކްސް އަށް އަމާޒުވެފައެވެ. ސްޓާބަކްސްގެ ވައިސް ޕްރެޒިޑެންޓް ކޮލީން ޗެޕްމޭން ބުނީ ޕްލާސްޓިކް ހޮޅިތައް ބޭނުންނުކުރުމަށް ނިންމީ އެ ކުންފުނީގެ ޕާޓްނަރުންނާއި ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ.

"ޕްލާސްޓިކް ހޮޅިތައް ރީސައިކަލް ކުރަން ވަރަށް އުނދަގޫވާނެ، އެއީ ހޮޅިތައް މާ ހިމަވީމަ މެޝިންތަކުގެ ޕްރޮޑަކްޝަން ލައިންތަކުގެ ތެރެއިން އެ ޕްރޮސެސްވާން އުނދަގޫވީމަ. އެހެންނަމަވެސް ޕްލާސްޓިކް މަތިގަނޑު ބޮޑުވުމުން އެ މެޝިން މެދުވެރިކޮށް ރީސައިކަލް ކުރަން ފަސޭހަވާނެ،" ސްޓާބަކްސް އިން ވަނީ ބުނެފައެވެ.

ސްޓާބަކްސް އިން އިތުރަށް ބުނީ ފިނި ބުއިންތަކުގައި ވިއްކާއިރު "ޕްލާސްޓިކް މަތިގަނޑު" ހުންނާނެ ކަމަށެވެ. އެހެންނަމަވެސް "ފްރެޕަޗީނޯ" ވިއްކާއިރު ކަރުދާސް ހޮޅި އެއާއެއްކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ޕްލާސްޓިކް ހޮޅި ބޭނުންނުކުރުމަކީ އަހަރުމެންނަށް ތިމާވެއްޓަށްޓަކައި ކޮށްދެވޭނެ އެންމެ ރަނގަޅު އެއް ކަންތައް،" ސްޓާބަކްސް އިން ބުންޏެވެ.

މިކަމުގެ ސަބަބުން އަހަރެއްގެ މައްޗަށް އެއް ބިލިއަން ޕްލާސްޓިކް ހޮޅި ބޭނުންނުކޮށް ފަރުޖެއްސޭނެ ކަމަށް ސްޓާބަކްސް އިން ލަފާކުރެއެވެ.

- ކޮމެންޓް