ހަމަލަދޭން މަސައްކަތް ކުރަނީ ރައީސް އަބްދުﷲ ޔާމީނަށް ވޯޓުން ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެތީ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހުޅުމާލެއަށް ކެމްޕެއިނަށް ވަޑައިގެންނެވުމުން ބަޔަކު މީހުން އެމަނިކުފާނަށް ހަމަލާދޭން ކުރި މަސައްކަތަށް ފަހު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މިއަދު ފެނިގެން ދިޔައީ ރައީސް އަބްދުﷲ ޔާމިން އިންތިހާބުން ބަލިވެފައިވާ ތަން ކަމަށެވެ. އަދި އެފަދަ ހަމަލާއެއް ދޭން މަސައްކަތް ކުރަމުންދަނީ އެހެންވެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދު ފެނިގެން މިދަނީ ރައީސް ޔާމިން އިންތިހާބުން ބަލިވެފައި އޮތްތަން. އިންތިހާބެއްގައި ވޯޓުލައިގެން ރައީސް ޔާމިނަށް އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަން އެނގިވަޑައިގަތީމަ ދެން ކުރައްވާ ކަންތައްތައް އެ ކުރައްވަމުން އެ ގެންދަވަނީ،" އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެގޮތައް ދޭ ހަމަލާއަކުން ކެމްޕެއިންގެ ހަރަކާތައް ނުހުއްޓުވޭނެ ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުން ނިކުމެ ތިއްބެވީ މި ރާއްޖެ އިން އަނިޔާވެރިކަމާއި ބިރުވެރިކަން ނައްތާލުމަށް ކަމަށެވެ. އަދި އެ ބޭފުޅުންގެ މަސައްކަތުގައި ފަސްޖެހުމެއް ނެތި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ނިކުތީ މި ރާއްޖެއިން އަނިޔާވެރިކަމާއި ބިރުވެރިކަން ނައްތާލަން. އަޅުގަނޑުމެން ނިކުމެ މި ތިބީ މިތަނަށް އިންސާފު ހޯދައިދޭން. އަޅުގަނޑުމެން މި މަސައްކަތުގައި ކުރިއަށްދާނީ އެގޮތަށް ކުރިމަތިވާ ހަމަލާއަކަށް ފަސްޖެހުމެއް ނެތި،" އިބޫ ވިދާޅުވިއެވެ.
އިބޫ އަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވަނީ އަންގާރަ ދުވަހުގެ ހަވީރު ހުޅުމާލެއަށް ކެމްޕެއިނަށް ވަޑައިގަތުމުންނެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އިންތިޚާބުން ޔާމީން މިހާރު ވެސް ބަލިވެއްޖެކަން އެނގިގެން ހިނގައްޖެ ކަމަށެވެ. ނަމަވެސް މިއީ އުންމީދުކުރި ކަމެއް ނޫން ކަމަށާއި މި މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ މިކަމުގެ ޒިންމާ ފުރަތަމަ ނަގަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި އިންތިޚާބު ކުރުމަށް އަމާން މާހައުލެއް އަދި ހަމަހަމަ ފުރުސަތެއް ނެތް ކަމަށް އިދިކޮޅު ޕާޓީތަކުން ކުރިން ވެސް ބުނެފައިވާނެ ކަމަށެވެ.
"ދެރައީ އެކަންކުރަން އުޅުނު މީހުންނާ އެކު ރައީސް ޔާމީންގެ ކެމްޕެއިން ފާސް އަޅައިގެން ތިބި މީހުން ހަރަކާތްތެރިވަމުން ދިޔަތަން" ނިޔާ ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ އިދިކޮޅު ކޯލީޝަނުން ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރާނެކަން މިއަދު ފެނިގެން ހިނގައްޖެ ކަމަށެވެ. އިބޫއާ ވާދަކޮށް ރައީސް ޔާމީނަށް ފަސް ޕަސެންޓް ވެސް ނުލިބޭނެ ކަމަށާއި އިބޫއާ ހަމަލާ ދޭން މަސައްކަތްކުރީ ވާދަކޮށްގެން ކުރި ނުލިބޭނެކަން އެނގޭތީ ކަމަށް ވެސް އަލީ ސޯލިހް ވިދާޅުވިއެވެ. މިފަދަ ކަންކަން ހިންގިޔަސް އިބޫއަކީ ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި ޖޭޕީގެ ރަނިންމޭޓާ އެކު އިބޫގެ ކެމްޕެއިން ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.