ދިވެހި ދިދަ ނަގާފައިވާ އާގު ބޯޓަކުން، އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ މުއާމަލާތްތަކެއް ހިންގި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ލިބޭ ގދ. މަޑަވެލީ، އަރިނަގާގެ، އަބްދުﷲ ފަހުމީ ދޫކޮށްލާފައި ހުއްޓާ، ހެކިންނަށް ބިރު ދެއްކި ކަމުގެ ތުހުމަތަށް އޭނާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެދިގެންނެވެ. ޕީޖީން އެގޮތަށް އެދުނީ އަންގާރަ ދުވަހު ބޭއްވި އެ މައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައެވެ.
އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ އެ މައްސަލާގައި ހިމެނޭ ހެކިންނަށް ފަހުމީ ބިރު ދެއްކި ކަމުގެ ސިއްރު ބަޔާންތަކެއް ގާޒީއަށް ދެއްވާފައެވެ. އެ ބަޔާންތައް ޝަރީއަތުގެ މަޖިލީހުގައި އާންމުކޮށްފައެއް ނުވެއެވެ.
ފަހުމީއަށް ވާހަކަ ދައްކަން ގާޒީ ފުރުސަތު ދެއްވުމުން، އޭނާ ބުނީ ހެކިންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، ފުލުހުން ތަހުގީގެއް ހިންގި ކަމަށާއި ނަމަވެސް މިހާރު އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފައިލް ކުރި ކަމަށް ބުނެ، ފަހުމީ ވަނީ ޝަރީއަތަށް ލިޔުމެއް ވެސް ހުށަހަޅާފައެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ލިޔުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކަށް ރިޔާއަތް ކުރެއްވުމަށްފަހު، ގާޒީ ވިދާޅުވީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގޭތީ ޝަރީއަތް ނިމެންދެން ފަހުމީ ބަންދު ކުރަން އަމުރު ކުރާ ކަމަށެވެ.
ނަމަވެސް ހެކިބަސް ދޭން ހުރި މީހަކަށް ފަހުމީ ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ފުލުހުން ފައިލްކޮށްފައިވާނަމަ، ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެކަން ބެލުމަށްފަހު، އޭނާގެ ބަންދާމެދު ނިންމި ނިންމުން މުރާޖާ ކުރެވޭނެ ކަމަށެވެ.
ފަހުމީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ދެން ކުރިއަށް ގެންދާނީ ފަހީމީ އައްޔަންކޮށްފައިވާ ވަކީލަކާއެކުގައި ކަމަށް ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ވިދާޅުވިއެވެ.
ފަހުމީގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ ސަރުކާރު ވައްޓާލުމަށް އެކި ފަރާތްތަކަށް ފައިސާ ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި އެ ފަދަ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމެވެ. އޭގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ތައްގަނޑެއް ހެދުމަށް ފަހު، އެ އޮތޯރިޓީގައި ކުރިން މަސައްކަތް ކުރި އިސް މީހެއްގެ ނަމުގައި މެއިލް އެޑްރެސްއެއް ހުޅުވައި، އެ ބޭނުން ކޮށްގެން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އަށް ސައްހަ ނޫން މެއިލްތަކެއް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރެއެވެ. އެ ތުހުމަތާއެކު ސައްހަ ލިޔުމަކަށް ބަދަލު ގެނެސް، އެ އެ ނަކަލު ކުރުމާއި ރިޝްވަތު ދިނުމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ސައްހަ ނޫން ޑޮކިއުމަންޓްތަކެއް ތައްޔާރު ކުރުމާއި އެ އޮތޯރިޓީގެ ނަމުގައި ތައްގަނޑެއް ހަދައި އެ ބޭނުން ކުރުމުގެ ތުހުމަތު ވެސް ފަހުމީގެ މައްޗަށް ވަނީ ކޮށްފައެވެ. އަދި ރާއްޖޭގައި އެއްވެސް އިރެއްގައި ރަޖިސްޓްރީ ކޮށްފައި ނުވާ ބޯޓަކަށް ސައްހަ ނޫން ކޯލް ސައިންތަކެއް ފޮނުވަން މެއިލްކޮށް، އެ ބޯޓުގައި ދިވެހި ދިދަ ބޭނުންކޮށްފައިވާ ކަމަށް ވެސް ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރެ އެވެ.