ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 17:35
ގްރޭމިއޯގެ ހުނަރުވެރި މިޑްފީލްޑަރު އާތުރު ހެންރިކޭ ރާމޯސް
ގްރޭމިއޯގެ ހުނަރުވެރި މިޑްފީލްޑަރު އާތުރު ހެންރިކޭ ރާމޯސް
ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓް
ޕައުލީނިއޯގެ ބަދަލުގައި ބާސާއަށް އާތުރު ގެނެސްފި
އޭނާ ބާސާއަށް ސޮއިކޮށްފައި ވަނީ 40 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން

ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ ލޯނު އެއްބަސްވުމެއްގެ ދަށުން ޗައިނާގެ ކްލަބަކަށް ފޮނުވާލުމަށް ފަހު ސްޕެއިންގެ ބާސެލޯނާ އިން ބްރެޒިލްގެ ގްރޭމިއޯ އަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު އާތުރު ހެންރިކޭ ރާމޯސް އެޓީމަށް ގެނެސްފިއެވެ. 

އޭނާ ބާސާއަށް ސޮއިކޮށްފައި ވަނީ 40 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބާސާއާ އެކު އޭނާ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު އެ އެއްބަސްވުމުގެ ދަށުން އޭނާގެ ރިލީސް ފީއަކީ 400 މިލިއަން ޔޫރޯއެވެ. އުމުރުން 21 އަހަރުގެ އާތުރު ބާސާއަށް ގެނެސްފައި ވަނީ މިިދިޔަ ސީޒަނަށް ފަހު އެޓީމުގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އެޓީމު ދޫކޮށްލުމާއި ގުޅިގެންނެވެ. 

ބާސާ އަދި ގްރޭމިއޯގެ މެދުގައި އެންމެ ފުރަތަމަ އެއްބަސްވެފައި ވަނީ އާތުރު އަންނަ އަހަރު ބާސާއަށް ގެނައުމަށެވެ. އެހެން ނަމަވެސް ބާސާއިން މި ޓްރާންސްފާގެ ކަންކަން އަވަސްކޮށްފައި ވަނީ އަންނަ ސީޒަނަށް އެޓީމުގެ މިޑްފީލްޑް ވަރުގަދަ ކުރުމުގެ ގޮތުންނެވެ. ބާސާއިން އޭރު އޮތީ އެކި ބޯނަސްގެ ގޮތުގައި ގްރެމިއޯ އަށް ނުވަ މިލިއަން ޔޫރޯ ދައްކާ ގޮތަށެވެ. 

އާތުރުގެ ފަރާތުން މިދިޔަ އަހަރު ފެނުނު ކުޅުމާ ގުޅިގެން އޭނާ ހޯދުމަށް ބާސާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިދިޔަ ސީޒަނުގެ ކޮޕާ ލިބެރެޓޯޑަސްގެ ފައިނަލްގައި ގްރޭމިއޯ ކުޅުނުއިރު އާތުރު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ހަމައެހެންމެ އެ މުބާރާތުގެ ފައިނަލް އިން އެ ޓީމު މޮޅުވިއިރު އާތުރު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗަށް ފަހު ބާސާގެ ޖާޒީއެއް ހިފަހައްޓާލައިގެން ހުރެ އާތުރު ނެގި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެގެން ވެސް ދިޔައެވެ. 

ބްރެޒިލްގެ ގައުމީ ޓީމުން ވެސް އާތުރު އަންނަނީ ޖާގަ ހޯދަމުންނެވެ. އެހެން ނަމަވެސް އޭނާއަށް މިހާތަނަށް ބްރެޒިލްގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބިފައެއް ނުވެއެވެ. ހަމައެހެންމެ މިއަހަރުގެ ވާރލްޑް ކަޕަށް ދިޔަ ބްރެޒިލްގެ ޓީމުން ވެސް އޭނާއަށް ފުރުސަތު ދީފައެއް ނުވެއެވެ. އާތުރުގެ މޮޅު ކުޅުމާއި ގުޅިގެން އޭނާއަކީ އިނިއެސްޓާއާ އެއް ފެންވަރުގެ ކުޅުންތެރިޔަކަށް ވާނޭ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ގްރޭމިއޯއަށް ކުޅުނު 70 މެޗުގައި އޭނާ ވަނީ އެ ޓީމަށް ހަ ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިދިޔަ ސީޒަނުގެ ބްރެޒިލް ލީގުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަށް ހޮވުނު ކުޅުންތެރިޔާ ވެސް މެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް