ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 17:30
ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ
ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ސްޕެއިންގެ ކޯޗަކަށް ބާސާގެ ކުރީގެ ކޯޗު އެންރިކޭ
އެންރިކޭ ވަނީ ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި
މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުން އޭނާ އެއްވެސް ޓީމަކަށް އިރުޝާދު ދީފައެއް ނުވޭ

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ ހަމަޖައްސައިފިއެވެ. 

އުމުރުން 48 އަހަރުގެ އެންރިކޭ ވަނީ ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު ބާސާގެ ކޯޗުގެ މަގާމު ދޫކޮށްލި ފަހުން އެންރިކޭ އެއްވެސް ޓީމަކަށް އިރުޝާދު ދީފައެއް ނުވެއެވެ. މި ފެށޭ ސީޒަނުގައި އޭނާ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކުން ފެނިދާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ނިންމާފައި ވަނީ ސްޕެއިންގެ ގައުމީ ޓީމަށް އިރުޝާދު ދިނުމަށެވެ. އެންރިކޭ ވަނީ މީގެ ކުރިން ގައުމީ ޓީމަކަށް އިރުޝާދު ދޭން ބޭނުންވާ ކަމަށް ބުނެ އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. 

ސްޕެއިންގެ ގައުމީ ޓީމުގެ ކޯޯޗުގެ މަގާމު ހުސްވީ އެމަގާމުގައި ވަގުތީ ގޮތުން ހުރި އެގައުމުގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު ފެނާންޑޯ ހިއެރޯ އެމަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އޭނާ އެމަގާމު ދޫކޮށްލީ މިއަހަރުގެ ވާރލްޑް ކަޕްގައި ސްޕެއިންއަށް ދިމާވި ބޮޑު ނާކމިޔާބީއާ ގުޅިގެންނެވެ. ޕޯޗުގަލް އަދި މޮރޮކޯގެ އިތުރުން އީރާން ހިމެނުނު ގްރޫޕްގެ އެއްވަނަ، ފަސް ޕޮއިންޓާ އެކު ސްޕެއިނުން ހޯދި ނަމަވެސް ދެވަނަ ބުރުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ އަތުން ބަލިވެ ސްޕެއިން ޖެހުނީ މުބާރާތުން ވަކިވާށެވެ. ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމާ އެކު ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ނައުމުން ޖެހި ޕެނަލްޓީގައި ރަޝިއާ އިން ކުރި ހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

ހިއެރޯ ވަނީ އަލުން އެނބުރި ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް ވެސް ނުދިއުމަށް ނިންމާފައެވެ. އޭނާގެ ބަދަލުގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެގައުމުގެ ކުރީގެ ކީޕަރެއް ކަމަށްވާ ފްރެންސިސްކޯ މޮލީނާ އެމަގާމަށް އައްޔަނުކޮށްފައެވެ.  

ސްޕެއިންގެ ކޯޗުގެ މަގާމާ ހިއެރޯ ހަވާލުވީ އެގައުމުގެ ކޯޗުގެ މަގާމުގައި ހުރި ހޫލިއަން ލޮޕްޓެގީ ވާރލްޑް ކަޕް ފެށުމުގެ ދެ ދުވަސް ކުރިން އެމަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އުމުރުން 51 އަހަރުގެ ލޮޕެޓެގީ އެ މަގާމުން ވަކިކުރީ ސްޕެއިންގެ ފުޓްބޯޅަ އިދާރާއަށް އެންގުމެއް ނެތި ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމަށް އައުމަށް އޭނާ އެއްބަސްވުމާ ގުޅިގެންނެވެ. ލޮޕެޓެގީ ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމާ ހަވާލުވެފައެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލޭސް ވިދާޅުވީ މިއީ އެފެޑެރޭޝަންގެ ކައުންސިލްގެ ހުރިހާ މެމްބަރުން އެއްބަސްވާ ކެންޑިޑޭޓެއް ކަމަށާއި ސްޕެއިންގެ ޓީމާ ހަވާލުވުމުގެ ގޮތުން މި އަށް ވުރެ މުސާރައިގެ ގޮތުން ރަނގަޅު ހުށަހެޅުންތަކަކަށް އެންރިކޭ ފުރަގަސް ދީފައިވާ ކަަމަށެވެ. ފެޑެރޭޝަން އިން ބޭނުންވާ ހުރިހާ ކޮލިޓީއެއް އެންރިކޭގެ ކިބައިގައި އެބަހުރި ކަމަށާއި އެހެންކަމުން އޭނާއަކީ އެމަގާމަށް އެންމެ އެކަށޭނެ މިހާ ކަމަށް ގަބޫލުކުރާ ކަމަށް ރުބިއާލޭސް ވިދާޅުވިއެވެ. 

އެންރިކޭ ވަނީ އޭނާގެ ކެރިއަރުގައި ސްޕެއިންގެ އެންމެ ވާދަވެރި އަދި އެންމެ ބޮޑު ދެ ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާއަށް ކުޅެފައެވެ. ހަމައެހެންމެ ކޯޗެއްގެ ގޮތުގައި އޭނާ ވަނީ ބާސެލޯނާއަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައެވެ. ސްޕެއިންގެ ކޯޗެއްގެ ގޮތުގައި އޭނާ އެގައުމަށް އިރުޝާދު ދޭނެ އެންމެ ފުރަތަމަ މެޗަކީ ޔުއެފާ ނޭޝަންސް ލީގުގައި އަންނަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅޭ އެގައުމު ކުޅޭ މެޗެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް