ރައީސް އަބުދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގައި ސަރުކާރުގެ ބައެއް އޮފީސްތަކާއި، އަދި ބައެއް ބޮޑެތި ކުންފުނިތަކުގެ މުއައްޒަފުން ބޭނުންކުރާ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.
އެގޮތުން ވެމްކޯ، ފެނަކަ، އެމްއޭސީއެލް އެމްޕީއެލް އަދި އެސްޓީއޯގެ އިތުރުން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ކުންފުނީގެ ގިނަ މުއައްޒަފުން ބައިވެރި ކުރާކަމުގެ މައުލޫމާތު "ރާއްޖެއެމްވީ"އަށް ވަނީ ލިބިފައެވެ. ރާއްޖެއެމްވީއަށް ލިބިފައިވާ ބައެއް ފޮޓޯތަކުގައި ވެސް އެ ކުންފުނިތަކުގެ މުއައްޒަފުން ބައިވެރިވެފައިވާތަން ފެނެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ފެނަކައިގައި އުޅޭ އަންހެން މުވައްޒަފެއްގެ ބައްޕަ ބުނީ، އޭނާގެ ދަރިފުޅަށް ވަޒީފާގެ ބިރު ދައްކައިގެން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ސްޓެލްކޯގެ މުއައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނި ގޮތުގައި އޮފީހަށް އައިސް ސޮއި ކުރުމަށް ފަހު އެމީހަކާ ހަވާލުކުރެވިފައިވާ ކެމްޕެއިން ހަރަކާތްތަކުގައި ބޭނުންކުރާ ފައިލްތައް ހިފައިގެން ގޭގެއަށް ގޮސް ޑޯ ޓް ޑޯ އާއި ކެމްޕެއިންގެ އެހެނިހެން ހަރަކާތްތަކުގައި އުޅުމަށް ބައެއް މީހުންނަށް ކުންފުނީގެ އިސް ބޭފުޅުން އަންގަވާފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރާ މުއައްޒަފުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދޭ ކަމަށް އޭނާ ބުންޏެވެ.
މިހާރު އެސްޓީއޯގެ ދަށުން ހިންގާ މިފްކޯގެ މަސްބަންދުކުރާ ކާރުހާނާ ކަމަށްވާ ޅ. ފެލިވަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުމަށް ދަނީ އަންގަމުންނެވެ. އަދި މުވައްޒަފުންގެ ތެރެއިން އިދިކޮޅަށް ތާއިދުކުރާ ބައެއް މީހުން މިފްކޯގެ އެހެން ތަންތަނަށް ބަދަލުކުރަމުން ގެންދާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. ފެލިވަރު މުވައްޒަފަކު ބުނީ އެ ރަށުގައި މަސައްކަތްކުރާ އެ އަތޮޅު ހިންނަވަރު ބައެއް މީހުން ގއ. ކޫއްޑޫ އަށް ވެސް ބަދަލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ރަށްރަށުގެ ފެނަކައިގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ މީހުންނާއި ސިއްޚީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ޓީޗަރުންނަށް ވެސް ފިއްތުންތައް ކުރިމަތިކުރުވަމުން ގެންދާ ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެނގިފައިވާ ގޮތުގައި އެ މުއައްޒަފުން ކެމްޕެއިން ހަރަކާތަކަށް ރިލީސް ދީފައި ވަނީ އޮފީހަށް ގޮސް ސޮއިކުރުމަށް ފަހު ކެމްޕެއިނަށް ނުކުންނަ ގޮތަށެވެ. އަދި އެ މީހުންނަށް މުސާރައިގެ އިތުރުން އިތުރު އެލަވެންސާއި އިތުރު ގަޑި ވެސް ލިބޭ ގޮތަށް ހަމަޖައްސާފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މީގެ އިތުރުން ބައެއް މުހިންމު ވުޒާރާތަކުގެ އިސްވެރިން ވެސް ޕީޕީއެމްގެ ޖަގަހަތަކުގައި މަސައްކަތްކުރާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެގޮތުން މި ފަހަރު އިންތިޚާބުގައި މައި ޑާޓާއެއްގެ ގޮތުގައި ބޭނުންކުރާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އިސްވެރިން ވެސް ޕީޕީއެމް އޮފީހުގައި ދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި ރަސްމީގަޑީގައި ވެސް އެ ތަނުގައި މަސައްކަތްކުރާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.