ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަންގާރަ ދުވަހު ބާއްވަން ތާވަލުކުރި ފާރިސްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކުރީ ފާރިސްގެ ގާނޫނީ ވަކީލުންގެ އެދިލެއްވުމުގެ މަތިން އެއަށް ރިއާޔަތް ކޮށް ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިދިއަ ބުދަ ދުވަހު ވެސް މިމައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފަ އެވެ. އެ ދުވަހު ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ އެއަޑުއެހުން ކެންސަލް ކުރީ އިދާރީ ސަބަބަކާ ހުރެ ކަމަށެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާގައި ބުނެފައި ވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގާނޫނާ ހިިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ބޭފުޅުންގެ ތެރެއިން ފާރިސްއަކީ އެކަންކަމުގެ މޭސްތިރިޔާ ކަަމެވެ.
އެ ދައުވާއާ ގުޅިގެން އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓާފައެވެ. ޓެރަރިޒަމްގެ އެ ދައުވާއާ ގުޅިގެން ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ. އެ މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ވެސް ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް އުފުލާފައި ވެއެވެ. އެ މައްސަލާގައި ރިޝްވަތު ލިބުނު ކަމަށް ބުނާ މީހާ ވަނީ ފާރިސް ރިޝްވަތު ނުދެއްވާ ކަމަށް ބުނެ ކޯޓުގައި ހެކިބަސްދީފައެވެ. އަދި އެ ހެކިބަހަށް ފަހު އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވައެވެ.
ވެރިކަން ކުރާ ޕާޓީ ޕީޕީއެމް، އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ފާރިސް، އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޕްރެސް ކޮންފަރެންސް ބޭއްވި މައްސަލާގައި ޝަހުސު އޮޅުވާލުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުކޮށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. ނަމަވެސް އޭނާ ޖަލު ބަންދުގައި ހުންނަވާތާ ވެސް މިހާރު އެއަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.