ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ބޯޑުގެ ހަތް މެމްބަރުން ވަކިކޮށް، އެ ބޯޑުގެ މެމްބަރުންގެ އަދަދު ފަހަކަށް ތިރިކޮށް، ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ޕްރައިވަޓައިޒޭޝަން ބޯޑަށް ލިބިދޭ ގޮތަށް ޕީއެސްއެމްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ޕީއެސްއެމްގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމާ އެކު، 10 ދުވަހުގެ ތެރޭގައި ބޯޑަށް މެމްބަރުން އައްޔަން ކުރަންޖެހޭނެ ކަމަށެވެ.
އެ އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމާއެކު، ޕީއެސްއެމްގެ ބޯޑުގައި ތިއްބެވި ހަތް މެމްބަރުންގެ މަގާމު ހުސްވާނެއެވެ. ޕީއެސްއެމް ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންނަކީ އެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުމުހައްމަދު އިކްރާމް އަބްދުއް ލަތީފާއި، ހއ. އިހަވަންދޫ ނޫފަރު މަހްމޫދު އަލީ އާއި، މ. ޕެޓީވިލާ އައިމިނަތު ޝާޔަން ޝާހިދާއި، ތ. ވިލުފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީގެ އިތުރުން މއ. ޕެންޒީ މުހައްމަދު ޝާގިލްގެ ނަމެވެ.
އެ ހަތް މެމްބަރުން ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރީ މަޖިލީހަށް ހުށަހަޅައި، އިންޓަވިއު ކުރުމަށްފަހު ރުހުން ދިނުމަށްފަހުގައެވެ.
ނަމަވެސް ޕީއެސްއެމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން އަލަަށް އެ ބޯޑަށް އައްޔަން ކުރާ މެމްބަރުންނަށް ރުހުން ހޯދަން ނުޖެހެއެވެ. އެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ މަތިން، ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަން ކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަންގެ ބޯޑުން ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
މުހައްމަދު އިސްމާއިލް ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން، ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ތެރެއިން މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަނޑައަޅާނީ ޕްރައިވަޓައިޒޭޝަން ބޯޑުންނެވެ.
ނަމަވެސް ޕީއެސްއެމްގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ މެދުގައި ނަގާ ވޯތަކުންނެވެ.
އެ އިސްލާހުގައިވާ ގޮތުން ޕީއެސްއެމްގެ ބޯޑުގެ މެމްބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ. ނަމަވެސް އެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ޕީއެސްއެމްގެ ބޯޑުގެ މެމްބަރުންގެ ދައުރުގެ މުއްދަތަކީ ހަތް އަހަރެވެ.