ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގައި އިފްތިތާހު ކޮށްދެވުނު ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ތައާރަފް ކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން 2018 ފެބްރުއަރީ 26 ވަނަދުވަހު އެސްޓީއޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރެވޭ 02 ޓަވަރުގެ ބިންގާ ވަނީ އަޅާފައި ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. މިހާރު މިޓަވަރުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، 2018 ޖުލައި 09 ވަނަ ދުވަހު "ހިޔާ ސްކީމް" ތައާރަފްކުރެވި، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މިޓަވަރުތަކުގައި އެސްޓީއޯ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ 304 އެޕާރޓްމަންޓްވާއިރު، މީގެތެރޭގައި އެއް ކޮޓަރީގެ 68 އެޕާރޓްމަންޓާއި، ދެ ކޮޓަރީގެ 36 އެޕާރޓްމަންޓާއި، ތިން ކޮޓަރީގެ 144 އެޕާރޓްމަންޓް އަދި ތިން ކޮޓަރީގެ ޕްރިމިއަމް ގެ 56 އެޕާރޓްމަންޓް ހިމެނެއެވެ. މި ފްލެޓްތަކުގެ އެސްޓިމޭޓް އަގުތަކަކީ އެއް ކޮޓަރީގެ އެޕާރޓްމަންޓެއް 971,460 ރުފިޔާ، ދެ ކޮޓަރީގެ އެޕާރޓްމަންޓް 1,375,200 ރުފިޔާ، ތިން ކޮޓަރީގެ އެޕާރޓްމަންޓް 1,598,400 ރުފިޔާ އަދި ތިން ޕްރިމިއަމް އެޕާރޓްމަންޓް 1,795,200 ރުފިޔާއަށެވެ. މި އަގުތަކަށް ބަދަލު އައި ކަމުގައި ވީނަމަވެސް 5 އިންސައްތައަށް ވުރެ ބޮޑު ބަދަލެއް ނާންނާނެ ކަމުގައިއެސްޓީއޯއިން ބުނެއެވެ. މި ސްކީމަށް ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި ތަފާތު 04 ފައިނޭންސިންގ އޮޕްޝަން ތައާރަފް ކުރެވިފައިވެއެވެ.
އެސްޓީއޯއިން ބުނީ، ބޯހިޔާވަހިކަމުގެ މި މަޝްރޫއުގެ ސަބަބުން ގިނަ މުވައްޒަފުންނަށާއި އެމުވައްޒަފުންގެ އާއިލާތަކަށް ފައިދާއާއި މަންފާ ކުރާނެކަމަށެވެ. އެސްޓީއޯގެ ހިޔާ ސްކީމް އިފްތިތާހް ކޮށްދެއްވާފައިވަނީ ނެޝަނަލް އާރޓް ގެލެރީގައި އެސްޓީއޯގެ މުވައްޒަފުންނަށް އެކަމަށް ހާއްސަކުރެވިގެން ބޭއްވި ހަފްލާގައި އެސްޓީއޯގެ ޗެއަރމަން ހުސައިން ސާލިމް މުޙައްމަދެވެ. ހިޔާ ސްކީމަށް ފޯމު ހުށަހެޅުމަށް 2018 ޖުލައި 10 ވަނަ ދުވަހުން ފެށިގެން 02 ހަފްތާގެ މުއްދަތަށް ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.