ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ދިމާކޮށް، ރައީސް ޢަބްދުﷲ ޔާމީން މ. އަތޮޅުގެ ހަތަރު ރަށަކަށް ފުރައިވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ޔާމީންގެ އެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ މ. އަތޮޅު ދިއްގަރަށް ކަމަށެވެ. އެ ރަށުގެ ބަނދަރު ރައީސް ހުޅުއްވައި ދެއްވާނެ ކަމަށާއި އަދި ނަރުދަމާ ނިޒާމުގެ ޚިދުމަތް ވެސް ރައީސް ފައްޓަވައި ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ދިއްގަރަށް ވަޑައިގަތުމަށްފަހު، އެ އަތޮޅު މުއްޔަށް ވަޑައިގެން އެރަށު ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، މ. މުލަކަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ދިނުން ފައްޓަވައިދެއްވައި، މ. ކޮޅުފުއްޓަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައި ދެއްވާނެ ކަމަށެވެ.
ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި މާލެ ވަޑައިގަންނަވާނީ ބުދަ ދުވަހުގެ މެންދުރުއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ދިމާކޮށް، ރައީސް ޔާމީން ވަނީ ކ. އަތޮޅުގެ ބައެއް ރަށްތަކަށާއި ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.