ދައުލަތުގެ އާމްދަނީ 41 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 8.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިފާއިތުވެދިޔަ 2017 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 7.8 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 334 މިލިއަނަށް އަރާފައެވެ. މިދިޔަ އަހަރު ޑޮލަރުގެ އާމްދަނީ އުޅެނީ 287 މިލިއަންގަ އެވެ. މިއަހަރުގެ މިހާތަނަށް 4.2 ބިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ ގާތްގަނޑަކަށް މުޅި އަހަރުގެ އާމްދަނީގެ 49.7 ޕަސެންޓެވެ. ބިސްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މި ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީގެ 35.4 ޕަސެންޓް ހިއްސާ ކޮށްފައިވަނީ ޖީއެސްޓީ އިން ލިބޭ އާމްދަނީ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 22.7 ޕަސެންޓެވެ. ބިސްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ 12.6 ޕަސެންޓް ހިއްސާ ކުރާ އިރު އާމްދަނީގެ 8.9 ޕަސެންޓް ހިއްސާ ކުރަނީ ބޭންކް ޕްރޮފިޓް ޓެކްސްއެވެ.
މިއަހަރުގެ ޖޫން މަހު އެކަނިވެސް ދައުލަތަށް ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.