ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ސައޫދީ އަރަބިއްޔާއިން އަބަދުވެސް އެހީތެރިވެ އެއްބާރުލުން ދެއްވާނެ ކަމުގައި ކަމުގެ ޔަގީންކަން ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ، ހިޒް ހައިނަސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް ބިން އަބްދުލްއަޒީޒް އާލް ސައުދު، ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖެއަކީ ސައުދީ އަރަބިއްޔާގެ ގާތް އެކުވެރިއެއް ކަމަށެވެ. އަދި ދެގައުމުގެ ގުޅުން ބަދަހިކުރުމަށާއި މިހާރު އޮތް އަހުވަންތަ ގުޅުން ކުރިޔަށް އޮތްތާގައި އިތުރަށް ވަރުގަދަ ކުރުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
މިބައްދަލު ކުރެއްވުމުގައި ރައީސް ޔާމިން ވިދާޅުވީ ރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް އަހުވަންތަ ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިހްތިރާމްގެ މައްޗަށް ކަމަށެވެ. މި ގުޅުން ރަސްމީ ސިފައެއްގައި ގާއިމުކުރިތާ 40 އަހަރު ފުރެން ކައިރިވެފައިވާއިރު މިހާރު ދެގައުމުގެ ގުޅުން ވަނީ ކުރިން ނުވާހާ ވަރުގަދަވެފައި ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ރާއްޖޭގައި ވަރަށް ވަރުގަދަ އިގްތިސާދީ އެޖެންޑާއެއް ކާމިޔާބުކަމާއެކީ ކުރިޔަށް ގެންދަވާކަން ފާހަގަކުރައްވައި ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމިން ވަނީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ އަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު ޙިއްސާކުރައްވާ، މިކަމުގެ ސަބަބުން ގައުމު އާރާސްތުކޮށް ހިންގުމުގައި ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ޔާމިންއާއި ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ ވަނީ ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާގެ އިތުރަށް އިސްލާމް ދީނާ ގުޅުންހުރި މުހިންމު މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ރާއްޖެއަކީ މުސްލިމް ގައުމަކަށްވާއިރު އިސްލާމް ދީނަކީ ސުލްހައަށް ލޯބިކުރާ، އެއްބަޔަކުއަނެއް ބަޔަކާ ގުޅޭ، އެކުވެރިކަމާއިއެކުގައި އުޅޭ ބައެއްކަން ހާމަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ޔާމިން ވިދާޅުވީ ދުނިޔެއިން ޓެރަރިޒަމް ނައްތާލުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވަނީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ އާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސައޫދީ ވަފްދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި މަރުހަބާ ވިދާޅުވެފައެވެ. އަދި، ސައޫދީ ރަސްގެފާނު ހިޒް މެޖިސްޓީ ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ވެސް ރައީސުލްޖުމހޫރިއްޔާ ވަނީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ ގެ އަރިހުން އެދިވަޑައިގެންފައެވެ.