ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ނެރޭނެ ރަނިންގ މޭޓް ޖުމްހޫރީ ޕާޓީން އިއުލާންކުރުން އެޕާޓީން އަވަސްކޮށްފިއެވެ.
ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެފައި ވަނީ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީން، އަދި ރަނިންގ މޭޓް ޖުމްހޫރީ ޕާޓީ އިން ނެރުމަށެވެ. އަދި ޖުމްހޫރީ ޕާޓީން މީގެ ކުރިން ބުނެފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ރަނިންގ މޭޓް އިއުލާން ކުރާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިހާރު ވަނީ މި މަހުގެ 13 ވާ ހުކުރު ދުވަހުގެރޭ ރަނިންގ މޭޓް އިއުލާން ކުރުމަށް އަވަސްކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުން ނިންމާފައެވެ.
ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ ސްލޮޓުގައި ވީޕީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ މުހުލަތު 13 ޖުލައި 2018 ގެ މެންދުރު ފަހު ތިނެއް ޖެހުމާ ހަމައަށް ހަމަވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. ކުރިން އެޕާޓީން ނިންމާފައި އޮތީ ރަނިންގ މޭޓް ކަމަށް 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭ ގޮތަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ޖޭޕީގެ ކައުންސިލް މެމްބަރަކު ވިދާޅުވީ މި މަހުގެ 13 ވާ ހުކުރު ދުވަހު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ އެކު މަސައްކަތް ކުރައްވާނެ ރަނިންމޭޓެއް އިއުލާން ކުރަން އެޕާޓީން ނިންމާފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 15 އާއި 25 އާ ދެމެދު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ބުނެފައެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބޫ ވިދާޅުވީ ޖުމްހޫރީ ޕާޓީން ރަނިންގ މޭޓެއް ކަނޑައެޅުމާ އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތަށް އިތުރަށް ވަރުގަދަވެ، އަތޮޅުތެރޭގައި ކެމްޕެއިން ހަރަކާތަށް ރަސްމީކޮށް ފަށާނެ ކަމަށެވެ.