ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އާސިމް ތުރުކީގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފިއެވެ.
ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މިނިސްޓަރ މުހައްމަދު އާސިމް ތުރުކީގެ ފޮރިންގ މިނިސްޓަރ މެވްލުޓް ކަވުސޮގްލްއާ ބައްދަލު ކުރައްވާފައި ވަނީ އަންކާރާގައެވެ.
މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ވިޔަފާރި އާއި ތިމާވެށީގެ ދާއިރާ އާއި ހިއުމަން ރިސޯސަސް ޑިވެލޮޕްމެންޓް ދާއިރާ އިން ތަރައްގީ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށްޓަކައި އެކި ދާއިރާ އިން ތައުލީމާއި ތަމްރީނުތައް އިތުރުކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ އާސިމް ތުރުކީއަށް ކުރައްވާފައިވާ ދަތުރުފުޅަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދުޣާން އައު ދައުރަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ތުރުކީގެ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ހޯމަ ދުވަހުގެ ހަވީރު 04:30 ގައެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ 22 އަށް ވުރެ ގިނަ ރައީސުންނާއި 17 އަށް ވުރެ ގިނަ ބޮޑުވަޒީރުންގެ އިތުރުން ގައުމުތަކުގެ ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވަޑައިގެންނެވިއެވެ.