މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ޝަރީފް (ހަންޓާ) އެކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ.
އަހްމަދު އިސްތިއުފާ ދެއްވިކަން ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ކަށަވަރުކޮށްދީފައެވެ.
ހެލްތު މިނިސްޓަރ އަހުމަދު ނާޒިމާ އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ އަހުމަދު ޝަރީފަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއަށް ކެމްޕޭން ކުރުމުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި 2009 ގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އޭނާ ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވެސް ވާދަކުރައްވާފައެވެ. މިހާރުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)އާ ވާދަކުރައްވައި އެފަހަރު ބަލިވީ ވަރަށް ކުޑަކުޑަ ތަފާތަކުންނެވެ.
އިސްތިއުފާ ދެއްވުމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އިން ސުވާލު ދެންނެވުމުން އަހުމަދު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތްތައް ހުރި ގޮތުން އެފަދަ ޒިންމާދާރު މަޤާމެއްގައި މިވަގުތު ހުންނެވުމަށް އުޒުރުވެރިވާތީ ކަމަށެވެ.
ނަމަވެސް ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި އަހްމަދު އިސްތިއުފާ ދެއްވީ ހިންނަވަރަށް ނިސްބަތްވާ އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ އަށް ތާއީދުކުރެއްވުމުގެ ގޮތުންނެވެ.