ހައުސިންގ އަދި މަސްވެރިކަމުގެ ދާއިރާގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ސަރުކާރުން ސައުދީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ރައީސް އޮފީހުގައި ބޭއްވި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ޗެއަރމަން އަހުމަދު ބިން އަގީލް އަލް ޚަތީބެވެ. މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ސައުދީ އަރަބިއްޔާގެ އިންޓީރިއަރ މިނިސްޓަރ ޕްރިންސް އަބްދުލްއަޒީޒު ބިން ސައުދު ބިން ނާއިފް ވަނީ ބައިވެރިވެވަޑައިގަންފައެވެ.
މި ސޮއިކުރެވުނު އެއްބަސްވުމަކީ ކިހާ އަދަދެއްގެ މާލީ އެހީއެއް ކަމެއް ނުވަތަ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ހައުސިންގ އަދި މަސްވެރިކަމުގެ ދާއިރާގެ ކޮން ޕްރޮޖެކްޓްތަކެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
ސައުދީ ފަންޑާ އެކު މާލީ ގޮތުން އެހީތެރިކަން ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު ސަރުކާރުގެ ބިޔަ ބޮޑު ގިނަ މަޝްރޫއުތައް ހިންގުމަށްޓަކައި މިފާއިތިވެ ދިޔަ އަހަރުތަކުގައި ސަރުކާރުން ވަނީ ސައުދީ ފަންޑުން ފައިސާ ހޯދާފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްގީ ކުރުމަށް 260 މިލިއަން ޑޮލަރުގެ ލުއި ލޯނެއް ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫޢަށް 80 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވެއެވެ.
މިއަހަރު ރިޔާސީ ބަޔާން އިއްވަމުން ރައީސް ޔާމީން ވަނީ ސައުދީ ފަންޑުގެ 160 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.