ރައީސް އަބުދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ، ދިވެހިރާއްޖޭގެ ޖަޒީރާ ވަންތަކަން ނަގާލައި، އޮޅުވާލައިގެން ހުރިހާ ރައްޔިތުން ގްރޭޓާ މާލެއަށް ޖަމާކުރުމަށް ކަމަށް އައްޑޫ މޭޔަރު އަބުދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
އައްޑޫ އާއި ފުވައްމުލަކު ސިޓީގެ ދަފުތަރު ކައުސިލްތަކުގެ ދަށުން ނަގައި ހައުސިންގު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަދައްވަމުން ސޯބެ ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ދުވަހުން ފެށިގެން މަޑުމަޑުން ގެންދެވީ ލާމަރުކަޒީ ނިޒާމާ ކުޅުއްވަމުން އޭރަކު ބޭނުންވާ ވަރަކަށް ބަދަލުތައް ގެންނަވަމުން ކަމަށެވެ.
"ރައީސް ޔާމީން ބޭނުންހާ ގޮތަކަށް ރައްޔިޔުންނާ މެދު އަމަލުކުރަމުން ރައްޔިޔުންގެ ބާރު ކަނޑުވާލަައިފި. ރައްޔިތުން ހޮވި ކައުންސިލަރުންނަކީ، އެއްވެސް ބަޔަކަށް ނަހަދާ އެ ކައުންސިލަރުން ކުރުމަށް ގާނޫނުން އަދި ގާނޫނުއަސާސީން މަތިކޮށްފައިވާ ވާޖިބު އަދާކުރުމަށް ހުރަސް އަޅަމުން އެ ދަނީ. ރައީސް ޔާމީންގެ ވެރިކަން ފެށުނު ހިސާބުން އެކަން ދިޔައީ އެހެން" ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ، މިވަރުގެ ގައިރުގާނޫނީ އަމަލުތައް ހިންގެވި އެހެން ވެރިއެއް މި ދިވެހިރާއްޖެ ނުދެކޭ ކަމަށެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިޚާބު ބޯމަތިވެ، ދެވަނަ ދައުރަކަށް ކުރިމަތިލައިގެން ހިންގަވާ ކެމްޕެއިން ހަރަކާތްތަކުން މިހާތަނަށް ދިވެހިންނަށް ދެއްކި އެންމެ މުހިއްމު ކަމަކީ، މާލޭގެ ދަފުތަރު ހުޅުވާލުމުގެ ގޮތުން ސިޓީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި އޮތް ރަށްވެހިކަމުގެ ޚިދުމަތްތައް ނަގައި އެބާރު ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިއުން ކަމަށެވެ.
"މި ވާނީ ރައީސް ޔާމީންގެ އެންމެ ބޮޑު ރިޔާސީ ވައުދު ކަމުގައި. ރައީސް ޔާމީންގެ ވެރިކަމެއްގައި، ލާމަރުކަޒީ ނިޒާމެއް ނޯންނާނެ ކަމުގެ ބޮޑު ވައުދެއް ވެވުނީ. އަދި އެ ވައުދު މި ހިނގާ ދައުރު ނިމިދިޔައިރު، މި އޮތީ ފުރިހަމަކޮށްދީފައި،" މަލާމާތުގެ ރާގެއްގައި ސޯބެ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވިސްނުންފުޅު ހުރީ، ރާއްޖޭގެ ޖަޒީރާތަކުގައި ތިބި ހުރިހާ ރައްޔިތުން އޮޅުވާލައިގެން ގަދަ ބާރުން ބިރުދައްކައިގެން ގްރޭޓާ މާލޭ އަށް ގެނެސް، މީހުން ހުސްވާ ރަށްރަށާއި އަތޮޅުތައް ވިއްކާލައި ޖަޒީރާ ދިރިއުޅުން ނައްތާލުމަށް ކަމަށް ސޯބެ ތުހުމަތުކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމެއް މިރާއްޖޭގައި އޮންނަން ބޭނުންވާ ނަމަ ރައީސް ޔާމީނަށް ނޫނެކޭ ބުނެ، މި ޖަޒީރާ ރާއްޖޭގައި ޖަޒީރާވަންތަ، ހެޔޮވަރިކަމެއް ގާއިމްކުރަން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބޫއަށް ހުރިހާ ބޭފުޅުން ވޯޓްދޭން ޖެހޭ ކަމަށް ވެސް ސޯބެ ވިދާޅުވިއެެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ވިހައި މަރުވާ މީހުންގެ ރެކޯޑާއި ރަށުގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ ދަފްތަރު ހައުސިންގް މިނިސްޓުރީގެ ބެލުމުގެ ދަށަށް ގެނައުމަށް ކައުންސިލްތަކަށް ހައުސިންގ މިނިސްޓްރީ އިން ސިޓީ ފޮނުވީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
އައްޑޫސިޓީ އަދި ފުވައްމުލަކު ސިޓީގެ ދަފުތަރު ހައުސިންގު މިނިސްޓުރީއަށް ބަދަލުކޮށްފައިވާއިރު މާލޭ ސިޓީގެ ދަފްތަރު ވެސް ހައުސިންގު މިނިސްޓްރީ އަށް ވަނީ ބަދަލުކޮށްފައެވެ.