ޕަލާމިރަސް އަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް މެންޗެސްޓާ ސިޓީ އަށް ބަދަލުވެއްޖެ އެވެ.
ސިޓީ އަށް ބަދަލުވާން އުމުރުން 19 އަހަރުގެ ގެބްރިއަލް ހުރިހާ ލިޔެކިޔުންތައް ނިންމައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އޭނާ ވަނީ ސިޓީގެ ކުޅުންތެރިޔެއްގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މީޑިއާ އަށް ދައްކާލާފައެވެ.
ސިޓީ އަށް ބަދަލުވުމަށް ފަހު އެ ކްލަބުގެ ރަސްމީ ސައިޓަށް ދިން އިންޓަވިއުއެއްގައި ގެބްރިއަލް ބުނީ ސިޓީއާއެކު ތަށިތައް ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި، ކްލަބަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން ތައްޔާރަށް ހުރި ކަމަށެވެ.
ގެބްރިއަލް ބުނީ ސިޓީއަކީ އަބަދުވެސް އެ ވާދަކުރާ މުބާރާތެއްގެ ތައްޓަށް ވާދަކުރާ ޓީމެއް ކަމަށެވެ. އެގޮތުން އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި، ކްލަބްގެ ކޯޗާމެދުވެސް އިތުބާރު އެބައޮތް ކަމަށް ގެބްރިއަލް ވަނީ ބުނެފައެވެ.
ބްރެޒިލްގެ ކްލަބް ޕަލާމެރަސް އިން 2015 ވަނަ އަހަރު ކެރިޔަރު ފެށި ގެބްރިއަލް ވަނީ އެ ކްލަބަށް ކުޅުނު 83 މެޗުގައި 28 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ބްރެޒިލް ގައުމީ ޓީމާ މިދިޔަ އަހަރު ގުޅި އެޓީމަށް ކުޅުނު ހަ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
ސިޓީ ޖޯޒީގައި ގެބްރިއަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނިކުންނާނީ ވާދަވެރި ޓޮޓެންހަމްއާ ދެކޮޅަށެވެ. އެ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު ބޮޑެވެ.