ހއ. އިހަވަންދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި ކީރިތި ގުރުއާން ކިޔެވި ކަމަށް ބުނެ އެރަށު މިސްކިތުގެ އިމާމް ސަސްޕެންޑް ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ މުސްއަބް އަބުދުﷲ ސޮއިކޮށް އިހަވަންދޫ މިސްކިތުގެ މުދިމު އިބްރާހިމް ޔޫސުފްއަށް ފޮނުވާފައިވާ ސިޓީގައި ވަނީ އޭނާ ސިޔާސީ ހަރަކާތެއްގައި ބައިވެރިވިކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅިގެން އޭނާ އިސްލާމިކް މިނިސްޓްރީއަށް ހާޒިރުވުމަށް ދެ ފަހަރެއްގެ މަތިން އެންގުމުން ވެސް އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގެ 269 މާއްދާގެ (ހ) ގެ ދަށުން 30 ދުވަހުގެ މުއްދަތަކަށް މުސާރަ ލިބޭ ގޮތަށް އެއްވެސް މިސްކިތެއްގައި އޭނާއަށް އިމާމްވެ ނަމާދު ނުކުރެވޭ ގޮތަށް އެމިނިސްޓްރީ އިން ނިންމާފައިވާ ކަމަށް މި ސިޓީގައި ވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހަމަޖެހިފައިވާ ގަޑިތަކުގައި ހާޒިރީގައި ސޮއިކުރުމަށް ވެސް އޭނާއަށް ވަނީ އަންގާފައެވެ.
މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެރަށުގެ އިމާމާ ސުވާލުކުރުމަށް އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީއިން އެދުނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެރަށުގައި ބޭއްވި ޖަލްސާއެއްގައި އޭނާ ކީރިތި ގުރުއާން ކިޔެވުމާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް ކީރިތި ގުރުއާން ކިޔެވުމަކީ އެއްވެސް ގާނޫނެއްގެ ދަށުން ކުށަކަށް ނުވާތީ އެކަމަށް ޖަވާބުދާރީވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ބުނި ކަމަށް ރަޝީދު ވިދާޅުވިއެވެ.
ޖަލްސާއެއްގައި ގުރުއާން ކިޔަވައިގެން އިމާމަކު އެކަހެރިކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާރު އާދިއްތަ ދުވަހު ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ތާއިދުކޮށް ޕީޕީއެމުން އިންތިޒާމުކޮށްގެން ބޭއްވި އިލްމުވެރިންތަކެއްގެ ނޫސް ކޮންފަރެންސްގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ވަނީ ވެރިކަން ކުރާ ޕާޓީއަށް ތާއިދުކޮށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައެވެ.
އިމާމަކު ސަސްޕެންޑް ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާއިރު އިސްލާމީ މަރުކަޒުގެ އިމާމުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅަކު ވެސް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓް ދެއްވުމަށް އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގޮވާލައްވާފައެވެ.