ރައްޔިތުންގެ މަޖިލީހުގެ ޑެޕިއުޓީ އަމީން އާންމުގެ މަގާމުގައި ހުންނެވި ފާތިމަތު ނިއުޝާ، މަޖިލީހުގެ އަމީން އާންމުގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި ފަށަށް ހަމަޖެއްސި ޖަލްސާ ކޯރަމް ހަމަނުވެގެން ފަސް ކުރުމަށް ފަހު، 11:00 ގައި ޖަލްސާ ފެށުމަށް ފަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ވޯޓަށް އެހުން މެންދުރު 1:30 ގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ އަމީން އާންމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ ފަހަރު ޝަރުތު ހަމަވާ ދެ ބޭފުޅަކު ކުރިމަތި ލެއްވި ކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް އެމަގާމަށް ކުރިމަތި ލެއްވުމަށް ފުރުސަތު ހުޅުވާލުމުން ކުރިމަތި ލެއްވީ ޝަރުތު ހަމަވާ އެންމެ ބޭފުޅެއް ކަމަށެވެ.
މަސީހު ވިދާޅުވީ ނިއުޝާއާ އިންޓަވިއު ކުރުމަށާއި އެމައްސަލަ ދިރާސާ ކުރުމަށް އޭނާއަށް އެކަމުގައި އެހީތެރިވެދެއްވުމަށް ކުޑަ ކޮމެޓީއެއް އެކުލަވާ ލެއްވި ކަމަށެވެ. އެއީ ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިނާއި ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކަމަށެވެ.
މަސީހު ވިދާޅުވީ އެކޮމެޓީން ލަފާދީފައި ވަނީ ނިއުޝާއަކީ އަމީންއާންމުގެ މަގާމަށް ވަރަށް އެކަށީގެންވާ ގާބިލު ބޭފުޅެއް ކަމަށެވެ.
މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ނިއުޝަގެ ނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 33 މެމްބަރުންގެ އިއްތިފާގުންނެވެ.
އަމީން އާންމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައިވުމާއި ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ލަފަޔާއި މަޝްވަރާ ދެވޭ ފެންވަރުގެ މީހަކު ކަމުގައިވުމާއި އުމުރުން 25 އަހަރު ވެފައިވާ މީހަކަށް ވާންޖެހެ އެވެ.
އަމީން އާންމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 50،000ރ. ލިބެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުއެވެ.
އަހުމަދު މުހައްމަދު އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނީ 12 އަހަރާއި 6 މަސް ދުވަހު އެމަގާމުގައި ހުންނެވުމަށް ފަހު އެވެ.
އަހުމަދު މުހައްމަދު އަމީން އާންމު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައި ވަނިކޮށް، އެކެއް ފެބްރިއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއީ ބާތިލް ނިންމުމެއް ކަމަށް އެ ކޯޓުން އަމަރު ނެރެފައި ވަނިކޮށެވެ.
އޭގެފަހުން މަޖިލީހުގެ އަމީންއާންމުގެ މަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވީ ނިއުޝާއެވެ. ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ކަންކަންކަމާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުތައް، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފުކަމަށް މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވަމުން ގެންދަވަނިކޮށް، އެޖަލްސާތައް ބާއްވާ ކުރިއަށް ގެންދިޔައިރު، މަޖިލީހުގެ އަމީންއާންމުގެ ޒިންމާތައް އަދާކުރެއްވީ ނިއުޝާއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މީގެ އެއް އަހަރު ކުރިން ފެށިގެން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުންނެވެ. ސަބަބެއް ކަމަށް އެ މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓަށް އެހުމެއްނެތި ޖަލްސާތައް މަޖީލީހުގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދަވާތީ ކަމަށެވެ.