ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް ބުކް ފެއާއެއް ފަށައިފިއެވެ.
އައިޔޫއެމް ޑޭގެ މުނާސަބަތާ ގުޅުވައިގެން ހުޅުވި "އިގްރައު" ބުކްފެއާގެ މަގްސަދަކީ ގިނަ ބުކްޝޮޕްތަކުން ލިބެން ހުރި ގިނަ ބާވަތްތަކުގެ ފޮތްތައް އާންމުންނަށް އެއް ޕްލެޓްފޯމަކުން، އެއްތަނަކުން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.
އައިޔޫއެމް އާއި މާލޭގައި ހުރި މަޝްހޫރު ބޮޑެތި ބުކްޝޮޕްތައް ގުޅިގެން ކުރިއަށް ގެންދާ މި ބުކްފެއަރގައި އިސްލާމްދީނާ ގުޅުން ހުރި ތަފާތު ދީނީ ފޮތްތަކާއި ގިނަ ޢިލްމީ ފޮތްތައް ހިމަނާފައިވެއެވެ. އޭގެ އިތުރުން އެންމެ ތުއްތު ކުއްޖާ އިން ފެށިގެން އޭލެވެލް އަށް ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށްގެން ދިވެހި، އިނގިރޭސި، ހިސާބު ފޮތްތައް ހުރިއިރު، ދިރާސާކޮށްގެން ތައްޔާރުކޮށްފައިވާ ގާނޫނީ ފޮތްތައް ވެސް ވަނީ މި ބުކްފެއަރގައި ހިމަނާފައެވެ.
އިސްލާމިކް މިނިސްޓްރީން ވެސް ބައިވެރިވި މި ފެއާގައި، އިސްލާމިކް މިނިސްޓްރީގެ ސްޓޯލުން މުސްހަފްގެ އިތުރުން ބައެއް ފޮތްތައް ހިލޭ ދޫކުރަން ވަނީ ހަމަޖެހިފައެވެ.
މި ފެއަރ ކުރިއަށް ދަނީ އައިޔޫއެމް ހޯލުގައެވެ. ބުކްޝޮޕްތަކުން އާއްމުކޮށް ލިބެން ހުންނަ ވަރަށް ވުރެ އަގު ހެޔޮކޮށް ބުކްފެއާރ އިން ފޮތް ލިބޭނެ ކަމަށާއި މި ބުކްފެއަރ ކުރިއަށް ގެންދާނީ ޖުލައި 9 އާއި 10 ވަނަ ދުވަހު ކަމަށް އައިޔޫއެމް އިން ބުނެއެވެ.
އައިޔޫއެމްގެ ބުކްފެއަރ ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 2:00 އިން 6:00 ގެ ތެރެއިން ރޭގަނޑު 8:00 އިން 10:00 އަށެވެ. އެ ބުކްފެއަރގައި ކުޑަކުދިންނަށް ޚާއްސަ ކޯނާއެއް ވެސް ވަނީ ހަދާފައެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ސިލްސިލާކޮށް މި ބުކްފެއަރ ކުރިއަށް ގެންދާނެ ކަމަށް އައިޔޫއެމް އިން ވަނީ ބުނެފައެވެ.