ބ. ހިތާދޫ ބޮޑު މިސްކިތް "މަސްޖިދުލް މޫސާ އަލީ" މުދިމާއި މަސައްކަތު މީހާ ބަލިވުމުން މިސްކިތް ސާފުކުރުމަށް ކައުންސިލަރުން ނުކުންނަވައިފިއެވެ.
ކައުންސިލަރުން މިސްކިތް ސާފުކުރުމަށް ތިއްބަވަނިކޮށް އާއްމު މީހަކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ފޮޓޯތަކާއި އެކު ގިނަ ބަޔަކު ވަނީ އެ ކައުންސިލަރުންނަށް ސާބަސްދީ ހިތްވަރު ދީފައެވެ.
މިސްކިތް ސާފުކުރެއްވުމުގައި އަމިއްލަ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާތަން ފެނި ރާއްޖެއެމްވީން ހިތާދޫ ކައުންސިލްގެ ރައީސް އަބުލް އަޒީޒު މުހައްމަދުއާއި ގުޅާލުމުން ފުރަތަމަވެސް ވިދާޅުވީ، މިއީ އެއްވެސް ހާލެއްގައި "ސިޔާސީ" ކަމެއް ނޫންކަމަށެވެ. އަދި އެކަމަކީ، އެ ހާލަތުގައި ކައުންސިލްގެ ދައުރާއި، އިޖުތިމާއީ ޒިންމާގެ އިތުރުން ފަރުދީ ޒިންމާ ވެސް އެކަމުގައި އޮންނާނެ ކަމަކަށް ވާތީ ކުރެއްވި ކަމެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، އެ މިސްކިތުގެ ދެ މަސައްކަތު މީހުން ތިބެއެވެ. އެކަކު މިވަގުތު ހުރީ އާއިލީ ޒިންމާގެ ޗުއްޓީގައެެވެ. އަދި އަނެއް މަސައްކަތު މީހާ ބަލިވެގެން މަސައްކަތަށް ނުނުކުންނަތާ ދެ ދުވަސް ވެއްޖެއެވެ. އަދި އެ މިސްކިތުގެ މުދިމު ވެސް ހުންނެވީ ޗުއްޓީއެއްގައެވެ.
މިސްކިތް ސާފްކުރެއްވުމުގައި ކައުންސިލްގެ ރައީސް އަޒީޒުގެ އިތުރުން ކައުންސިލްގެ ނައިބު މުހައްމަދު ހަސަން އާއި ކައުންސިލް މެންބަރު އަންވަރު މުހައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެެވެ. މި ތިން ބޭފުޅުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތިން ބޭފުޅުންނެވެ.