ދިވެހި ބަހުގެ އެކެޑަމީގެ ދިރާސީ ކުތުބުހާނާ ބެލޭގޮތަށް ފައްވާރުގެ ނަމުގައި އޮންލައިން ވެބް ސައިޓެއް އިފްތިތާހް ކޮށްފިއެވެ.
ވާހަކަ ދެއްކުމުގެ 33 ވަނަ ގައުމީ މުބާރާތް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފައްވާރު އޮންލައިން ވެބްސައިޓް އިފްތިތާހް ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
ފައްވާރު ވެބްސައިޓާއި ބެހޭ ގޮތުން ބަހުގެ އެކެޑަމީން ބުނީ ދިވެހި ބަސް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ފައްވާރު ވެބްސައިޓް ތައާރަފް ކުރެވިގެން ދިއުމަކީ ބަސް ކުރިއަރުވައި، މައުލޫމާތު ފޯރުކޮށްދިނުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިފަދަ ވެބްސައިޓް އިފްތިތާހް ކުރީ ބަހާއި ތާރިޙާއި ސަގާފަތުގެ ދާއިރާއިން ބަހުގެ އެކެޑަމީގެ ކުތުބުހާނާގައި ހުރި ހުރިހާ މުހިންމު މައުލޫމާތުތައް އާންމުންނަށް ފަސޭހައިން ފޯރު ކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
ދިވެހި ބަހުގެ އެކަޑަމިން ބުނީ ތާރީހާ ސަގާފަތާ ބެހޭ ފޮތްތައް އޮންލައިންކޮށް ކިޔޭގޮތް ހަމަޖެހިގެން ދިއުމުން ބަހުގެ މައުލޫމާތުގެ މުއްސަނދިވެ ކިޔުންތެރިކަމަށް ކުދިން ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.
ފައްވާރު ވެބްސައިޓް ކުރިއަށް އޮތް ތާނގައި ވަރަށް ފުރިހަމަވާނެ ކަމަށާއި، ދިވެހި ބަހުގެ ދާއިރާގެ އެކި ރޮނގުރޮނގުން މައުލޫމާތު ލިބޭ މުއްސަނދި ވެބްސައިޓަކަށް ބަދަލުވެގެންދާނެ ކަމަށް ބަހުގެ އެކަޑަމީން މައުލޫމާތުދެއެވެ.