ފިނޭންސް މިނިސްޓްރީގެ ތާރީހާއި އެވުޒާރާ ހިންގެވި ބޭފުޅުންގެ ތާރީހު އެކުލެވޭ "ބޮޑު ބަނޑޭރީން" ފޮތް ނެރެފިއެވެ.
ފިނޭންސް މިނިސްޓްރީގެ ޓްރޭނިންރޫމްގައި އާދިއްތަ ދުވަހު ބޭއްވި ހަފްލާއެއްގައި މިފޮތް ނެރެދެއްވީ ފިނޭންސް މިނިސްޓްރީގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މިނިސްޓްރީގެ އެންމެ ފުރަތަމަ ޕާރމަނަންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގެވެ.
މިފޮތް ނެރެދެއްވުމަށް ފަހު ވާހަކަފުޅު ދައްކަދަވަމުން ޝަފީގު ވިދާޅުވީ ރާއްޖޭގެ މާތީ ކަންކަމާއި ބެހޭ ގޮތުން މައުލޫމާތު ލިބޭނެ ފަދަ ވަސީލަތްތައް މަދު ކަމާއި، މިފަދަ ފޮތެއް ނެރެވިގެން ދިއުމުން މާލީ ދާއިރާއާ ބެހޭ މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވެސް އިތުރު ފޮތްތަކެއް ނެރުމުގެ މުހިންމު ކަމަށް ޝަފީގު ވިދާޅުވިއެވެ.
މި ހަފްލާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، ބޮޑު ބަނޑޭރީންގެ ފޮތުން ފިނޭންސް މިނިސްޓްރީގެ ތާރީހާއި ގުޅޭ މުހިންމު އެތައްކެއް މައުލޫމާތެއް ލިބޭނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މިނިސްޓްރީ ހިންގެވި ބޭފުޅުންނާއި އެބޭފުޅުން ކުރެއްވި އަގުހުރި މަސައްކަތްޕުޅުގެ މައުލޫމާތު ވެސް މިފޮތުގައި އެކުލަވާލައިފާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުނައްވަރު ވިދާޅުވީ މިފަދަ ފޮތެއް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ ގައުމުގެ މާލީ މުޒާރާ ހިންގެވުމުގެ މުހިންމު މަސްއޫލިއްޔަތު އުފައްލަވާފައިވާ ބޭބޭފުޅުން ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކުރުން ކަމަށާއި، އަދި އަންނަނިވި ޖީލުތަކަށްޓަކައި އެބޭބޭފުޅުންގެ ހަނދާނާއި ޒިކުރު އައުކުރުން ކަމަށެވެ.
މިނިސްޓަރު މުނައްވަރު ވިދާޅުވީ މިމަސައްކަތަކީ ގައުމުގެ ތާރީހާއި ޚާއްސަކޮށް ފިނޭންސް މިނިސްޓްރީގެ ތާރީހަށްޓަކައި ކުރެވުނު މުހިންމު މަސައްކަތްޕުޅެއްކަމަށެވެ.