ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހު 09:00 ގައި ބާއްވަން ހަމަޖެއްސި ޖަލްސާ ކޯރަމް ހަމަ ނުވެގެން ފަސްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ހޯމަ ދުވަހުގެ ޖަލްސާ މިހާރު ބާއްވަން ހަމަޖައްސާފައި ވަނީ 11:30 އަށެވެ. ހެނދުނު 09:00 ގައި ފަށަށް ހަމަޖެއްސި ޖަލްސާ ކޯރަމް ހަމަނުވެގެން ފަސް ކުރިއިރު، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 20 މެމްބަރުންނެވެ.
ރަައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް އިން ސައްތައެވެ. އެއީ 22 މެމްބަރުން ނެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މީގެ އެއް އަހަރު ކުރިން ފެށިގެން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުންނެވެ. ސަބަބެއް ކަމަށް އެ މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓަށް އެހުމެއްނެތި ޖަލްސާތައް މަޖީލީހުގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދަވާތީ ކަމަށެވެ.
މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފަ އެވެ.
މީގެކުރިން މަޖިލީހުން ވަނީ އަމީން އާންމުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފަ އެވެ. އަމީން އާންމުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިއަ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަމީން އާންމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައިވުމާއި ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ލަފަޔާއި މަޝްވަރާ ދެވޭ ފެންވަރުގެ މީހަކު ކަމުގައިވުމާއި އުމުރުން 25 އަހަރު ވެފައިވާ މީހަކަށް ވާންޖެހެ އެވެ.
އަމީން އާންމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 50000ރ. ލިބެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުއެވެ.
އަހުމަދު މުހައްމަދު އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނީ 12 އަހަރާއި 6 މަސް ދުވަހު އެމަގާމުގައި ހުންނެވުމަށް ފަހު އެވެ.
އަހުމަދު މުހައްމަދު އަމީން އާންމު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައި ވަނިކޮށް، އެކެއް ފެބްރިއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއީ ބާތިލް ނިންމުމެއް ކަމަށް އެ ކޯޓުން އަމަރު ނެރެފައި ވަނިކޮށެވެ.
ހޯމަ ދުވަހުގެ ޖަލްސާއަށް އިތުރު ކަމަކަށް އެޖެންޑާ ކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިބްތިދާއީ ބަހުސް ކުރުމެވެ.