ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮބްޒާވު ކުރުމަށް އެޗްއާރްސީއެމް އިން ވޮލަންޓިޔަރުން ހޯދުމަށް އިއުލާނުކޮށްފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން އާންމުކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާވު ކުރުމަށް 25 ވޮލަންޓިޔަރުން ބޭނުންވާ ކަމަށެވެ.
އެގޮތުން އޮބްޒަވަރަކަށް ވުމަށް ޝަރުތުތަކެއް ވަނީ ހާމަކޮށްފައެވެ. އެގޮތުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހަކަށް ވުމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއް ކަމުގައި ނުވުން އަދި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުން ހިމެނެއެވެ. އަދި ރިޔާސީ ކެންޑިޑޭޓުގެ އާއިލާ މެންބަރަކަށް ނުވުމާއި އަތޮޅު ތެރެއަށް ދަތުރުފަތުރު ކުރެވޭނެ ފަރާތަކަށް ވުން ހިމެނެއެވެ.
އެގޮތުން މިމަހުގެ 18 ގެ ކުރިން އޮބްޒަރަކަށް ވުމަށް އެދޭފަރާތް ތަކުން އެކަމަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް އެޗްއާރްސީއެމް އިން ވަނީ އެދިފައެވެ. އީމެއިލް މެދުވެރިކޮށްވެސް އޮބްޒަވަރަކަށް އެދުމުގެ ފުރުސަތު އެކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.