ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ގދ. ތިނަދޫ، ސިލްވަރ، ހަމްޒަތު އަހުމަދު، 36 އެވެ. އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވެފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން "ރާއްޖެއެމްވީ"އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ހަމްޒަތަކީ ޖަލުގައި މިއަހަރު މަރުވި ތިން ވަނަ ގައިދީއެވެ. މިދިޔަ އަހަރު ވެސް ޖަލުގައި ފަސް ގައިދީއަކު މަރުވެފައިވެއެވެ، އޭގެ ކުރީ އަހަރު، 2016 ވަނަ އަހަރު ޖަލުގައި ހަ ގައިދީއަކު މަރުވެފައިވެއެވެ.
ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހަމްޒަތު ނިޔާވީ ސްޓްރޯކެއް ޖެހި، އެއްފަޅި ވާގިނެތިގެން ފަރުވާ ދެމުންދަނިކޮށް ކަމަށެވެ. ހަމްޒަތަށް ސްޓްރޯކެއް ޖެހި، ހާލު ސީރިއަސްވެގެން ފަރުވާ ދެމުންދާތާ ހަތަރު ދުވަސް ވަނީ ވެފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
ލުގުމާން ވިދާޅުވީ ހަމްޒަތަށް ސްޓްރޯކެއް ޖެހުނީ މިދިޔަ ބުދަ ދުވަހު ޖަލުގައި ބަޔަކާއެކު ފުޓްބޯޅަ ކުޅެމުންދަނިކޮށް ކުއްލިއަކަށް ކަމަށެވެ.
"ފުޓްބޯޅަ ކުޅެން ހުއްޓާ، މޫނު މައްޗަށް އަނދިރިވެފައި ކުއްލިއަކަށް ވެއްޓުނު ކަމަށް ވަނީ. ކަރެކްޝަންގެ ޑޮކްޓަރުން ބެއްލެވުމުން އެނގުނީ އެއްފަޅި ވާގިނެތިފައިވާކަން. އެއާއެކު އައިޖީއެމްއެޗަށް ގެންނެސް ފަރުވާ ދޭން ފެށީ،" ލުގުމާން ވިދާޅުވިއެވެ.
ލުގުމާން ވިދާޅުވީ ހަމްޒަތުގެ ހަށިގަނޑު އެއްފަޅި ވާގި ނެތި، ޕެރެލައިޒްވުމާ އެކު މިދިޔަ ބުދަ ދުވަހުން ފެށީގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށި ކަމަށާއި ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ޖެހިގެން އޭޑީކޭ ހޮސްޕިޓަލަށް އޭނާ ބަދަލު ކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަމްޒަތަށް އެކަން ދިމާވި ބުދަ ދުވަހުގެ ހަވީރުއެވެ. އެ ދުވަހުގެ ރޭ ހަމްޒަތުގެ އާއިލާއަށް އެކަން ހިނގައިގެން އުޅޭކަން އަންގާފައިވާނެ ކަމަށް ލުގުމާން ވިދާޅުވިއެވެ.
ހަމްޒަތު ނިޔާވީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށެއެވެ. އޭނާއަކީ ކްލަބު ވެލެންސިއާއަށް ކުޅުނު ކުޅުންތެރިއެކެވެ.