ރާއްޖޭގެ ހުރިހާ އިލްމުވެރިންގެ މަންދޫބުން ކަމަށް ވިދާޅުވެ 10 ބޭފުޅަކު ރައީސް އަބްދުﷲ ޔާމިނަށް އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުދިނުމަށް ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ.
އާދިއްތަ ދުވަހުގެ ހަވީރު ދަރުބާރުގޭގައި 11 މީހަކު ބައިވެރިވެވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމިނަށް ތާއިދުކުރާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. މި ބައްދަލުވުގައި ބައިވެރިވެވަޑައިގެންނެވި ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ވިދާޅުވީ ރާއްޖޭގެ ހުރިހާ އިލްމުވެރިންގެ މަންދޫބުންގެ ފަރާތުން އެފަދަ ޕްލެޓްފޯމަކަށް އެއްވެ ރައީސް ޔާމިނަށް ތާއިދު ކުރާކަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުންނަކީ ދީނީ އިލްމުވެރިންކަމަށް ވާތީ އެ ބޭފުޅުން ބޮޑަށް ބަލާނީ ފަރުދީ ގޮތުން ހުންނަ މައްސަލަ ތަކަށްވުރެ ބޮޑަށް ގައުމުގެ މަސްލަހަތަށް ކަމަށެވެ. އެގޮތުން އިލްމްވެރިން ގަބޫލު ކުރައްވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރޭގައި އެންމެ ރަނގަޅީ ރައީސް އަބްދުﷲ ޔާމިނާއި އެމަނިކުފާނުގެ ރަނިންގ މޭޓް ކަމަށް ނެރުއްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ގުބާދު ވިދާޅުވީ ގައުމެއް އިސްލާހު ކުރަން ބޭނުންވާ ނަމަ އަމުރުވެރިންނާއި އިލްމްވެރިން އެއްބައިވާން ޖެހޭ ކަމަށެވެ.
މި ބައްދަލުވުގައި އަސަދުﷲ ޝާފީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ދެވަނަ ދައުރަކަށް ހޮއްވެވުމަށް ރާއްޖޭގެ ވަރަށް ގިނަ އިލްމްވެރިންތަކެއް ތާއިދު ކުރައްވާ ކަމަށާއި އޭގެ ތެރެއިން ގިނަ ބޭފުޅުންނަށް މި ބައްދަލުވުގައި ބައިވެރިވެވަޑައިނުގެންވުނީ ރާއްޖެއިން ބޭރުގައި ތިއްބެވުމުން ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ތިއްބެވުމުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވުނީ ކިތައް އިލްމްވެރިންނަށް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
އޭގެ އިތުރުން އޭނާ ވަނީ ރައީސް ޔާމިން ހޮއްވެވުމަށް ރާއްޖޭގެ ކުދި ބޮޑު އެންމެން ކުރެވުނު ހުރިހާ މަސައްކަތެއް ކޮށްދިނުމަށާއި ހުރިހާ އިލްމުވެރިން އެއްބައިވެ އެ މަސައްކަތް ކޮށްދިނުމަށް ވެސް ގޮވާލައްވާފަ އެވެ.
ޝެއިހް މުހައްމަދު ދީދީ ވިދާޅުވީ އެ ބޭފުޅުން ރައީސް ޔާމިނަށް ތާއިދުކުރާކަން ހާމަކުރެއްވީ ދީނީ އިލްމުވެރިންގެ ވާޖިބު އަދާކުރުމުގެ ގޮތުން ކަމަށެވެ. އަދި ރައީސް ޔާމިން ހޮއްވެވުމަށް ކުރެވުނު ހުރިހާ މަސައްކަތެއް އެ ބޭފުޅުން ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި އެއްވެސް ބޭފުޅަކު ރައީސް ޔާމިންގެ ވެރިކަމުގައި ދީނަށްޓަކައި ކޮށްދެއްވި ރަނގަޅު ކަމެއް ވިދާޅެއްނުވެ އެވެ. އަދި ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ބޮޑެތި ޖިނާއީ ތުހުމަތުތައް ކުރެވިފައިވާއިރު އެމަނިކުފާނަށް ދެވަނަ ފަހަރަށް ވޯޓު ދެއްވަންވީ ސަބަބެއް ވެސް ވިދާޅެއްނުވެ އެވެ. އެހެން ނަމަވެސް އެ ބޭފުޅުން ވިދާޅުވީ ޑރ. ޝަހީމް ރައީސް ޔާމިންގެ ރަނިންމޭޓަކަށް ހަމަ ޖެއްސެވުމަށް ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށާއި އޭގެ ސަބަބުން ފައިދާވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ ބޭފުޅުންނަކީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އަދި އަނެއް ބައި ބޭފުޅުންނަކީ ރައީސް އަބްދުﷲ ޔާމިންގެ އަރިހުން ބައެއް ކަންކަން ރަނގަޅު ކުުރުމަށް އެދިވަޑައިގެންވެސް އެކަން ރަނގަޅު ނުކުރެއްވުމުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނެވެ.