ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންގެ ތަމްސީލްކުރައްވާކަމަށް ވިދާޅުވެ ބައެއް ދީނީ އިލްމުވެރިން އާދިއްތަ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ހަޤީގަތުގައި ރައީސް ޔާމީންގެ ސަރުކާރުން މުސާރަ ނަންގަވައިގެން ތިއްބަވާ އަދި ކުރިން ސަރުކާރުގައި ތިއްބެވި ބައެއް ސިޔާސީ ބައެއް ބޭފުޅުން ބޭއްވި ބައްދަލުވުމެއްކަމަށް ބުނެ ގިނަ ފަރާތްތަކުން ފާޑުކިޔައިފިއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީއާއި ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި، ސިޔާސީ ކަންކަމުގައި އުޅުއްވާ ބައެއް ބޭފުޅުން ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީނަށް ތާޢީދުކޮށް، އެމަނިކުފާނަށް ވޯޓު ދިނުމަށް ގޮވާލެއްވިކަން ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ. ޚާއްސަ ގޮތެއްގައި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދީނީ އިލްމުވެރިންގެ ނަމުގައި އެފަދަ ކަމެއް ކުރެއްވުމުން ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ. މި ޕްރެސްކޮންފަރެންސްގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި އިސްލާމީ މަރުކަޒުގެ އިމާމުގެ ހައިސިއްޔަތުން ޑެޕިއުޓީ މިނިސްޓަރކަމުގައި ތިއްބަވާ 2 ބޭފުޅުންވެސް ހިމެނެއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމަށް މީޑިއާއަށް ދައުވަތު ދީފައިވަނީ ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިންނެވެ. 'މަޝްހޫރު' ބައެއް ދީނީ އިލްމުވެރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކަށް ޕީޕީއެމްއަށް ދައުވަތު ލިބިފައިވާތީ އެދައުވަތު މީޑިއާތަކަށް ދެނީކަމަށް ބުނެ މީޑިއާތަކަށް ޕީޕީއެމްއިން މެސެޖްކުރުމުން، މިއީ ސީދާ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްކަން އެނގޭކަމަށް ބައެއް ނޫސްވެރިންވެސް ފާހަގަކުރިއެވެ.
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ދަރުބާރުގެއަކީ މިހާރު ހަމައެކަނި ސަރުކާރާއި ޕީޕީއެމްގެ އިވެންޓްތަކަށް އަދި ސަރުކާރުން ބައިވެރިވާ އިވެންޓްތަކަށް ކުއްޔަށް ދޭ ތަނަކަށް ވުމުންވެސް މިއީ ސަރުކާރުން އެދިގެން ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްކަމާއި، މިއީ ރާއްޖޭގެ ހުރިހާ ހުރިހާ ދީނީ އިލްމުވެރިންގެ ރައުޔު ހާމަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ނޫންކަން އެނގޭކަމަށް ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިންގެ ބުންޏެވެ.
މިއީ 'މަޝްހޫރު' ދީނީ އިލްމުވެރިންތަކެއް ދެއްވާ ޕްރެސް ކޮންފަރެންސެއްކަމަށް ޕީޕީއެމްއިން ބުނިނަމަވެސް، އާއްމު ގޮތެއްގައި ދީނީ ދަރުސް ދެއްވާ ބޭފުޅުން އެތަނުގައި މަދެވެ. އަދި އާއްމުންނަށް ފަރިތަ މޫނުތަކަކަށް ފެނުނީ ދީނީ ދަރުސް ދެއްވުމަށްވުރެ ބޮޑަށް އާއްމުކޮށް ސިޔާސީ ކަންކަމުގައި އުޅުއްވާ ބައެއް ބޭފުޅުންނެވެ. އަދި މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ ދީނީ ދަރުސް ދެއްވުމަށްވުރެ ބޮޑަށް 'ދީނަށްޓަކައި، ޤައުމަށްޓަކައި'، އޭ ބުނެ ހިންގާ ސިޔާސީ ބައެއް ކަންކަމުގައި ފެންނަ ބޭފުޅުންތަކެކެވެ.
ކޮރަޕްޝަނާއި ފަސާދައިގެ އިތުރުން އަނިޔާވެރިކަމުގެ އެތަކެއް ތުހުމަތުތަކެއް ރައީސް ޔާމީންގެ މައްޗަށް ގިނަ ބަޔަކު ކުރަމުންދާއިރު، އެމަނިކުފާނުގެ ރަނިންގމޭޓްކަން ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ޤަބޫލުކުރެއްވުމާއި ގުޅިގެން ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ދީނީ އިލްމުވެރިންނާއި، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ދީނީ އިލްމުވެރިން ދަނީ އަނިޔާވެރިންނަށް އެއްބާރުލުން ދިނުމާއި ދެކޮޅަށް އެކިއެކި އާޔަތްތަކާއި ހަދީޘްތަކުން ދަލީލު ދައްކަވައި ޚިޔާލުފާޅުކުރައްވަމުންނެވެ.