ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ނެރޭނެ ރަނިންގ މޭޓް ޖުމްހޫރީ ޕާޓީން އިއުލާން ކުރާނީ މި ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ނެގޭ ސިއްރު ވޯޓަކުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެފައިވަނީ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީން، އަދި ރަނިންގމޭޓް ޖުމްހޫރީ ޕާޓީއިން ނެރުމަށެވެ. އަދި ޖުމްހޫރީ ޕާޓީން ވަނީ މި މަހުގެ 10 ވަނަ ދުވަހު ރަނިންގމޭޓް އިއުލާން ކުރާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިހާރު ވަނީ މި މަހުގެ 14 ވަނަ ދުވަހަށް ރަނިންގމޭޓް އިއުލާން ކުރުމަށް ލަސްކޮށްފައެވެ.
ޖޭޕީން މިކަން އިއުލާންކުރީ އެޕާޓީން އާދިއްތަ ދުވަހުގެ ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް އާދިއްތަ ދުވަހު ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި އެ ޕާޓީގެ މެނިފެސްޓޯ ފާސްކުރެވުނު ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ހުރިހާ ބޭފުޅުންނަށް ރަނިންގމޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ 14 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކީ ހެދިފައިވާ އެއްބަސްވުމުގެ ކަންތައްތައް ފައިނަލްކޮށް، އެއްބަސްވުމުގައި ސޮއި ކުރެވި، އެ އެއްބަސްވުމުގައި ހިމެނޭ ކަންތައްތައް ވެސް ރައްޔިތުންނާ ހިއްސާ ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެ ކުރިން ޕާޓީތަކުން ކޯލިޝަން ހެދުމަށްފަހު އެއްބަސްވުން ހަދަނީ އިންތިހާބުގެ ފަހުންކަން ފާހަގަކުރައްވާ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އެހެންނަމަވެސް މިފަހަރު އެއްބަސްވުން ހަދާނީ އިންތިހާބުގެ ކުރިން ކަމަށާއި އޭރުން ކުރިން ދިމާވި މައްސަލަތައް ދިމާނުވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ވަނީ ރަނިންގމޭޓްކަމަށް ކުރިމަތިލާން ބޭނުންފުޅުވާ ބޭފުޅުންނަށް އެ މަޤާމަށް ކުރިމަތިލެއްވުމަށް ފުރުސަތު މިހާރު ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 15 އާއި 25 އާއި ދެމެދު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ބުނެފައެވެ.