ތައިލެންޑްގެ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވެފައިވާ 12 ފިރިހެން ކުދިންގެ ތެރެއިން ބައެއް ކުދިން ސަލާމަތްކޮށްފި އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް ހަތަރު ކުއްޖަކު ވަނީ ހޮހަޅައިން ނެރެގެން ރެސްކިއު ކޭމްޕަށް ގެންގޮސްފައެވެ.
ހޮހަޅައިގައި ތާށިވެފައިވާ 12 ކުދިންނާއި އެ ކުދިންގެ ކޯޗް ސަލާމަތްކުރުމުގެ އޮޕަރޭޝަންގެ ވެރިޔާ ނަރޮންގސަކް އޮސޮއްތަނަކޯން ރިޕޯޓަރުންނަށް ވިދާޅުވީ ރެސްކިއު ޓީމުން ހޮހޮޅައަށް ވަދެފައިވަނީ ރާއްޖޭގެ ގަޑިން މެންދުރު 12:00 ހާއިރު އެވެ. ފުރަތަމަ ކުއްޖާ ސަލާމަތްކޮށްގެން ނެރުނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ހޮހަޅައިގެ ކައިރިން ޑައިވަރުންނާއި ސިއްހީ އޮފިޝަލުންނާއި ސަލާމަތީ ބާރުތައް ފިޔަވައި އެހެން ފަރާތްތައް ވަނީ ދުރުކޮށްފަ އެވެ. ތަމް ލުއަންގ ހޮހޮޅައިގައި އެކުދިން ތާށިވެފައި ތިބީ ހިކިފަސް ތަންކޮޅެއްގައި ނަމަވެސް ކުދިން ނެރުމުގެ މަސައްކަތް ފަށަން ނިންމީ ފެން ބޮޑުވާން ފެށުމުން އިތުރަށް މަޑުކުރެވެން ނެތިގެންނެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެކުދިން ފެނުނީއްސުރެ ތަޖުރިބާ ކާރު ޑައިވަރުންގެ ޓީމަކުން އެކުދިންނަށް ކާބޯތަކެތި ފޯރު ކޮށްދެމުން ގޮސްފައިވާއިރު އެކުދިން ނުކުތުމަށް އިރުޝާދު ދޭނީ އެ ޓީމުންނެވެ. ކުދިން ތިބީ ނުކުންނަން ފިޓްކޮށް އަދި ތައްޔާރަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ބާރަ ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ހޮހޮޅައިގެ ތެރޭގައި ތާށިވީ ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.