ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އަމީން އާންމުގެ މަގާމަށް ބޭފުޅެއް އައްޔަން ކުރުމަށްޓަކައި ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފަ އެވެ.
މީގެކުރިން މަޖިލީހުން ވަނީ އަމީން އާންމުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފަ އެވެ. އަމީން އާންމުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިއަ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަމީން އާންމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައިވުމާއި ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ލަފަޔާއި މަޝްވަރާ ދެވޭ ފެންވަރުގެ މީހަކު ކަމުގައިވުމާއި އުމުރުން 25 އަހަރު ވެފައިވާ މީހަކަށް ވާންޖެހެ އެވެ.
އަމީން އާންމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 50000ރ. ލިބެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުއެވެ.
އަހުމަދު މުހައްމަދު އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނީ 12 އަހަރާއި 6 މަސް ދުވަހު އެމަގާމުގައި ހުންނެވުމަށްފަހު އެވެ.
އަހުމަދު މުހައްމަދު އަމީން އާންމު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނިކޮށް، އެކެއް ފެބްރިއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއީ ބާތިލް ނިންމުމެއް ކަމަށް އެ ކޯޓުން އަމަރު ނެރެފައި ވަނިކޮށެވެ.