އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު އިބޫގެ ހަށިފާރަވެރިންގެ ގޮތުގައި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް އެސްޕީޖީން ވަކިކުރި ދެ އޮފިސަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އިބޫގެ ހަށިފާރަވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުން ދަނީ، ސިފައިންގެ ވަޒީފާއި އެކެއް ފެބުރުއަރީގެ އަމުރުގެ ފަހުން ވަކިކުރި، ސިމާދު އަހުމަދާއި، އަހުމަދު ޝާނީޒާއި ދެބޭފުޅުންނެވެ. އެ ދެ ބޭފުޅުން ސިފައިންގެ ވަޒީފާއިން ވަކިކުރި ސީދާ ސަބަބެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެބޭފުޅުން ހައްޔަރު ކުރީ، އެކެއް ފެބުރުއަރިގެ އަމުރަށް ފަހު ހިނގައި ދިޔަ ކަންތައްގަނޑުގެ ތެރެއިންނެވެ. މި ދެބޭފުޅުންގެ އިތުރުން އެސްޕީޖީ އަހުމަދު ފައްތާހުވެސް އެ ދުވަސްވަރު ސިފައިންގެއިން ވަކިކުރިއެވެ. މި ތިން ބޭފުޅުންނަކީވެސް އޭރު ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ހަރަކާތްތެރިވި ތިންބޭފުޅުންނެވެ.
ސިމާދާއި ޝާނީޒާއި ދެބޭފުޅުން އިބޫގެ ހަށިފާރަވެރިންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެމްޑީޕީންނެވެ.
އެބޭފުޅުންގެ ވެރިކަމެއްގައި ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ އެންމެނަށް އަނބުރާ ވަޒީފާ ހޯދައިދޭނެކަމުގެ ޔަގީންކަން އެމްޑީޕީންނާއި ގުޅިފައިވާ ކޯލިޝަނުން ދީފައިވެއެވެ.