ގދ. ފިޔޯރީގައި މޫދަށް އެރި އުޅުނު އައްޑޫސިޓީ ފޭދޫ މަސްވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސައީދު ވިދާޅުވީ ފިޔޯރީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ސ.ފޭދޫ އުމުރުން 32 އަހަރުގެ އިބްރާހިމް ސައީދުކަމަށެވެ.
މޫސުމް ގޯސްވެގެން ހޮނިހިރު ދުވަހުން ފެށިގެން އިބްރާހިމް ސައީދު އުޅޭ ދޯނި، "ލިޓަސް ހަޒާނާ" ފިޔޯރީގައި ބަނދަރުކޮށްފައިވާއިރު، އޭނާ މޫދަށް އެރުނީ މިއަދު 11:10 ހާއިރު ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ މޫދަށް އެރުނުތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ކަމަށާއި ފިޔޯރީ ސިއްހީ މަރުކަޒަށް އިބްރާހިމް ސައީދު ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
އިބްރާހިމް ސައީދު މޫދަށް އެރުނީ، ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި ގޮތުގައި، ދޯނީގައި ފެންވެރުމުގެ ކުރިން ތާހިރުވުމުގެ ގޮތުންނެވެ. އިބްރާހިމް ސައީދަކީ ފިޓު ޖެހުމުގެ މައްސަލަ ކުރިންވެސް ހުންނަ މީހެއްކަމަށްވެއެވެ.
ނަމަވެސް އޭނާ މަރުވީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އިބްރާހިމް ސައީދުގެ ހަށިގަނޑު މިއަދު މެންދުރު ފަހުގެ ވަގުތެއއްގައި އައްޑުއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.