ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމު އެގޮތަށް ވިދާޅުވީ މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރުމަށާއި މިއަހަރު ބާއްވާ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތް ފެށުމަށް އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގަ އެވެ. ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށް، ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިހާމް ވިދާޅުވީ ތަރިކައިގެ ނަމުގައި ރައީސް ޔާމީން ވަނީ ބޮޑު މަޝްރޫއެއް ފައްޓަވާފަ ކަމަށެވެ.
"އަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ތައުލީމީ ދާއިރާއަށް މިވަނީ ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނެސްފައި. އާމަންހަޖުގެ ދަށުން ދިވެހި ގައުމިއްޔަތުގެ ލޯބި އާލާކުޅައުމުގައާއި ދަރިވަރުންގެ ފަރުދީ ގާބިލިއްޔަތު ކުރިއަށް ނެރެވޭނެ މަގުތައް ވަނީ ފަހިވެފައި،" އެޑިއުކޭޝަން މިނިސްޓަރު ޝިހާމު ވިދާޅުވި އެވެ.
މީގެ އިތުރުން އައިޝަތު ޝިހާމު ވިދާޅުވީ ތަރިކަ މަޝްރޫއުގެ ދަށުން ރާއްޖޭގެ އިޖުތިމާއީ ގުޅުންތަކާއި ގައުމިއްޔަތުގެ ކަންކަން ތަރައްގީކޮށް ކުރިއަރުވަން ސަރުކާރުން ގެންދަވަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އަދަބީ ފަންނީ ހުނަރުތަކާއި ދިވެހި މަސައްކަތްތެރިކަމުގެ ފަންނީ ހުނަރުތައް އާލާކޮށް، ގައުމީ ހައިސިއްތު އޮންނަކަންކަމަށް ހައްދަވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހިރާއްޖެ އަދު މިދެކޭ ތަރައްގީއަކީ ވަށައިޖެހިފައިވާ ތަރައްގީއެއްކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ ތަހުޒީބާއި ތަމައްދުންގެ ގޮތުންނާއި އުމްރާނީ އަދި އިގްތިޞާދީ ގޮތުން ގައުމު މިއަންނަނީ ތަރައްގީއަށް މުޅިން އާ އުސްމިންތަކަކަށް ވާސިލްވަމުން ކަމަށެވެ.